ހަވަރު ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މުޅި ހުވަދުއަތޮޅަށް ހުޅުވާލެވިގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތް، “ހަވަރު ޔޫތު ކަޕް 2021″ ތައްޔާރު ވުމުގެ ގޮތުން ހޯޑެއްދޫ އެފްސީ އާއި އައިލެންޑާސް އެފްސީ އިއްޔެ ކުޅުނު ރަޙުމަތްތެރި ކަމުގެ މަޗް 3-0 އައިލެންޑާސް އެފްސީ ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗް ކުޅެފައިވަނީ ހޯޑެއްދޫ ދަނޑުގައެވެ.
ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާ ހަވަރު ޔޫތްކަޕް 2021 ބޭއްވުމަށް ހަމަޖެހިފައި ވަނީ 25 ޑިސެމްބަރ 2021 ގދ. ތިނަދޫގައެވެ.
އައިލަންޑާސް އެފް. ސީ. އަކީ 2018 ވަނަ އަހަރު ގއ. ދެއްވަދޫ ޒުވާނުން ތަކެއް އިސްނަގައިގެން ރަޖިސްޓްރީ ކޮށްފައިވާ ކުޅިވަރު ޖަމްޢިއްޔާއެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އެކި އެކި ފަންތީގެ މެޗުތަކާއި މުބާރަތް ތަކުގައި މި ޓީމު ދަނީ ބައިވެރިވެ ރަނގަޅު ކާމިޔާބީ ތަކެއް ހޯދަމުންނެވެ.
މިގޮތުން އައިލެންޑާސް އެފްސީ އިންވަނީ 2019 ވަނަ އަހަރު ދެއްވަދޫ ކައުންސިލް އިން އިސްނަގައިގެން ބޭއްވި “ދެއްވަދޫ ކައުންސިލް ކަޕް 2019” ގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި 2021 ވަނަ އަހަރު ދެއްވަދޫގައި ބޭއްވުނު “ދެއްވަދޫ ރަސްގެފާނު ފުޓްސަލް ކަޕް 2021” ގެ ޗެމްޕިއަންކަންވެސް ހޯދާފައި ވެއެވެ.
މީގެ އިތުރުންވެސް އައިލަންޑާސް އެފް. ސީ ވަނީ ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކަކަށް ގޮސް އެ ރަށް ރަށުގެ ޓީމް ތަކާއި އެކުވެރި ކަމުގެ ގިނަ މެޗް ތަކެއް ކުޅެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އައިލަންޑާސް އެފް. ސީ. އަކީ ދެއްވަދޫގެ އެކި އެކި އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ރައްޔިތުންނާއި ގުޅިގެން އެކި އެކި މަސައްކަތް ތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެކެވެ.
ފަހަކަށް އައިސް ދެއްވަދޫގައި އުވެދުންދާ ކުރީގެ ސަޤާފަތް އާލާ ދިރިވުމަށް މި ޖަމިއްޔާއިންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ޢީދު ކުޅިވަރާއި އެކި އެކި ސަަޤާފީ މިއުޒިކް ޢާލާކޮށް ދިރުވުމުގައި އިސްރޯލެއް މި ޖަމިޢިއްޔާއިން އަދާކުރެއެވެ.

