ކެމްޕެއިން ތެރޭގައި ވައުދުވީ މުހިންމު އެއްވެސް ކަމެއް މިސަރުކާރުން މިހާތަނަށް ފުއްދިފައި ނެތްކަމަށް ބުނެ ކުރީގެ ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ސިދާތާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖުލީހާއި މިނިސްޓްރީގެ އިތުރުން ރާއްޖޭގެ ހުރިހާ މުއައްސަސާތަކުގެ ފުލް ކޮންޓްރޯލް މިސަރުކާރަށް ލިބިފައިވާއިރު މިސަރުކާރުން ވައުދުތައް ނުފުއްދަންވީ ސަބަބެއް ނެތެވެ. އަދި ފާއިތުވެގެން މިދިޔައީ ސަރުކާރުގެ ނާއުއްމީދީ 3 އަހަރު ކަމަށާއި ސަރުކާރާއި ދުރުގައި ހުންނަވަން ޖެހުމުން އުފާވާ ކަމަށް ސިދާތާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮރަޕްޝަން ނައްތާލުމާއި ހިޔާނާތްތެރިން ހޯދުމާއި މަރުތަކަށް އިންސާފު ހޯދާ ދޭނެ ކަމަށް ދެއްކި ވާހަކަތަކުގައި އެއްވެސް ކުލައެއް މިހާތަނަށް ޖެހިފައި ނުވާ ކަމަށް ސިދާތާ ވަނީ ވިދާޅުވެފައެވެ.
އަވަސް މީޑީޔާއަށް ދެއްވި އިންޓަވިއުއެއްގައި ސިދާތާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މިސަރުކާރަށް އިތުރު ދައުރެއް ދިނުމާމެދު ރައްޔިތުން ޖަވާބު ދޭނެ ގޮތް ވަރަށް ސާފްކޮށް ފެނިލައްވާ ކަމަށެވެ. މިސަރުކާރާމެދު ހިތްހަމަ ޖެހިލައްވާ އެއް ބޭފުޅަކާވެސް މިހާތަނަށް ދިމާވެފައި ނެތް ކަމަށާއި މިސަރުކާރަކީ ރާއްޖޭގެ ވަރުގަދަ ހަތަރު ސިޔާސީ ފިކުރެއްގެ މައްޗަށް ހޮވާފައިވާ ސަރުކާރެއް ނަމަވެސް ލީޑަރުންގެ މެދުގައި ބަދަހި ގުޅުމެއް މިހާރު ފެންނަން ނެތް ކަމަށް ސިދާތާ ވަނީ ވިދާޅުވެފައެވެ.
ސިދާތާ ފާހަގަކުރެއްވި ގޮތުގައި މިސަރުކާރަކީ ބަދަހި ކޯލިޝަނެއް ނޫނެވެ. އެހެންކަމުން އެފަދަ ސަރުކާރަކާއެކީ މަސައްކަތް ނުކުރާތީ އުފާވާ ކަމަށް ބުނަމުން ސިދާތާ ވިދާޅުވީ ދެން އެކަމަނާ ފެނިގެންދާނީ ދައްކާ ވާހަކަތައް ޑެލިވާ ކުރެވޭނެ ސަރުކާރެއް ގެންނަން މަސައްކަތްކުރާ ސިޔާސީ ލީޑަރެއްގެ ގޮތުގައެވެ.

