ސެކިއުލަރިޒަމާ ދެކޮޅަށް ދިވެހިން ކުރަމުންދާ މަސައްކަތުގައި ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިން ވަކި ކޮޅެއް ނަގަން ޖެހޭ ކަމަށާއި، އެންމެ ފާޅުކަން ބޮޑު ތެދު ދިފާއުނުކުރެވޭ ނަމަ ނޫސްވެރިކަމުގެ ބޭނުމެއް ކޮބައިތޯ ބުނެ، ޝެއިޚް މުހައްމަދު ޝާފިއު ދިވެހި ނޫސްވެރިންނާ ސުވާލު ކުރައްވައިފިއެވެ.
ޝެއިޚް ޝާފިއު މިއަދު ވިދާޅުވީ، ސެކިއުލަރިޒަމާ ދެކޮލަށް ދިވެހި ރައްޔިތުން ކުރަމުން ދާ ހަނގުރާމާގައި ދިވެހި ނޫސްވެރިންވެސް ވަކި ކޮޅެއް ނަގަން ޖެހޭ ކަމަށެވެ.
“އެންމެ ފާޅުކަން ބޮޑު ތެދު ދިފާޢު ނުކުރެވޭ ޤަލަމެއްގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ؟. ތިބާއަށް ތިޔަ ޤަލަމުން ލިޔަން އުނގަންނަވައިދެއްވި ﷲ ދިފާޢުނުކުރެވޭ ޤަލަމެއްގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ؟” ޝެއިޚް ޝާފިއު ނޫސްވެރިންނާ ސުވާލު ކުރައްވާފައިވެއެވެ.
ޝާފިއު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ލާދީނިއްޔަތު ފެތުރުމަށް ދީން ގަބޫލު ނުކުރާ ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އެކަމާ ގުޅިގެން ސަރުކާރުން އެބަޔަކާ މެދު އެކަށީގެންވާ ފިޔަވަޅުތަކެއް ނައަޅާ މައްސަލައިގައި ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

