ފުވައްމުލަކު ހޮސްޕިޓަލުގައި ޒުވާން އަންހެނެއްގެ ސިޒޭރިއަން ހެދުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
އުމުރުން 25 އަންހެން މީހާގެ އާއިލާގެ މީހަކު މައުލޫމާތު ދެއްވާ ގޮތުގައި، ފުވައްމުލަކު ހޮސްޕިޓަލުން މިދިޔަ އޭޕްރީލް މަހު 24ވަަނަ ދުވަހު ސިޒޭރިއަން ހެދުމަށްފަހު ބަޑަށް އާދަޔާ ހިލާފަށް ތަދުވާތީވެ އެ ހޮސްޕިޓަލަށް ދައްކައިގެން ހައްލެލިބިފައި ނުވާތީ މާލެ ދިޔައީ ކަމަށެވެ.
މާލޭ އައިޖީއެމްއެޗް ހޮސްޕިޓަލުން ރޭ ބޮޑު އޮޕަރޭޝަންނެއް ކޮށް އެ އަންހެން މީހާގެ ބަނޑުން ބެންޑޭޖްތަކެއް ނަގާފައިވާ ކަމަށް އެ އަންހެން މީހާގެ އާއިލާ މީހަކު މައުލޫމާތު ދެއެވެ.
“އޮޕަރޭޝަން ނިންމާފައި ޑޮކްޓަރުން ނުކުމެ ދެއްކީ ގޮހޮރުގައި ތައްލާފައި އޮތް ބޭންޑޭޖްގަނޑެއް. އޭތި ނެގިއިރު ގޮހޮރުގައި ފާރުހެދި ފޫގޮސްގެން ގޮހޮރުގެ އެއްބައި ނަގަން ޖެހުނު،” – އަންހެންމީހާގެ އާއިލާ
މި އޮޕަރޭޝަނަށް ފަހު މި އަންހެން މީހާ އަދިވެސް އޮތީ އައިޖީއެމްއެޗް އައިސީޔޫގައެވެ. މިފަހުން ފުވައްމުލަކު ހޮސްޕިޓަލުގެ ހާލާތް ދަށްވެ މި ފަދަ ހާދިސާތަށް ހިގަމުން ދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މުސްކުޅި ބަލިމީހަކު ހާޓްއެޓޭކް ޖެހިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް އެމްބިއުލާންސްއިން ބޭލުމުގެ ތެރޭގައި ބިން މައްޗަށް ވެއްޓި ބުރަކަށްޓަށް ގެއްލުން ވުމުގެ ސަބަބުން އިމަޖެންސީގައި މާލެ ގެންދަން ވަނީ ޖެހިފައެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހު މި ބަލިމީހާ ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

