ދިވެހި ރާއްޖެއަކީ އެކިއެކި ފަންނުވެރިކަމުގައި ޒުވާނުންނަށް ފުރުސަތު އޮތް އަދި އެވެރިންގެ ހިއްސާ ބޮޑު ޤައުމެކެވެ. ކުޅިވަރު ކުޅުމާއި ވަޒީފާ އަދި ސިޔާސީ މަސްރަޙަށް ބެލި ކަމުގައި ވިޔަސް މިކަން އޮތީ މިގޮތަށެވެ. ދަނޑުވެރިކަމާއި މަސްވެރިކަން އަދި ޓުވަރިޒަމް ގެ ސިނާއަތައް ނަޒަރު ހިންގިކަމުގައި ވިޔަސް މިކަން އޮތީ ވަރަށް ސާފުކޮށް ފެންނާށެށެވެ. މިފަހަރުގެ ރިޕޯޓްގައި މި ބަލާލަނީ ރާއްޖޭގެ މަޝްހޫރު ޒުވާން ޝެފަކަށެވެ. ކެއްކުމުގެ ހުނަރާއި އެކު ތަފާތު ގިނަ ފަންނު އެމީހެއްގެ ގައިގައި ހުރި ޅަ ޒުވާނަކަށެވެ.
ދެކުނުގެ އެންމެ އާބާދީ ބޮޑު އެއްރަށް ކަމަށްވާ ގދ.ތިނަދޫއަށް އުފަން ޒުވާން ޢަބުދުالله މުޙައްމަދު ލަތީފަކީ އެރަށު އައިމިނަތު އަލީއަށާއި މުޙައްމަދު ލަތީފަށް ލިބުނު ފަސް ކުދިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމަ އެކަނި ފިރިހެންދަރިއެވެ. ލިބޭ ހުސް ވަގުތު ތަކުގައި ރަހުމަތްތެރިންނަށް ތައްޔާރު ކޮށްދިން ކެއުންތައް ރަހުމަތްތެރިންނަށް ކަމުދިއުން ވެގެން ދިޔައީ ޢަބުދުالله މުޙައްމަދު ލަތީފް ނުވަތަ އަބޯއަށް ކެއްކުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ. ރައްޓެހިންގެ ތަޢުރީފުގެ ބަސްތަކުން ލިބުނު ހިތްވަރާއި އެކު ކެއްކުމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ދެކެމުން ދިޔަ ހުވަފެނުގައި ކުލަ ޖެއްސުމަށްޓަކައި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ ފުޑް އެންޑް ބަވަރޭޖު ކޯސް ފުރިހަމަ ކުރިއެވެ. އެ އިރު އޭނާގެ އުމުރުންވީ އެންމެ 19 އަހަރެވެ.
ގދ ތިނަދޫއަށް އުފަން ޒުވާން ޢަބުދުالله މުޙައްމަދު ލަތީފް
"ރިސޯޓް ދާއިރާއިން ފުރަތަމަ ލިބުނު ވަޒީފާ ކަމުގައިވާ ކިޗަން ހެލްޕަރެއްގެ މަޤާމުގައި ފުރަތަމަ ކުރި މަސައްކަތަކީ ފިޔާ ނޮޅާ ސާފުކުރުން، ނަމަވެސް އެއީ ފެށުމެއް ކަމަށް ބަލާ ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން ސީޑީޕީގެ މަގާމު ލިބުނީ"
އަބޯ އަދާ ކުރި ފުރަތަމަ ވަޒީފާގެ ފެށުން ޙިއްސާ ކުރި އެވެ. އެމަގާމުގައި ދެއަހަރު ދުވަހު އުޅުމަށްފަހު އިތުރު ކުރިއެރުން ހޯދުމަށްޓަކައި އަނެއްކާވެސް ދަތުރުގެ މަންޒިލް ބަދަލުކޮށްލިއެވެ. މާލެއަށް ބަދަލުވެ ހޭދަކުރި އަހަރުދުވަހުގެ ތެރޭގައި ބުރަކޮށް މަސައްކަތް ކޮށް ކެއްކުމުގެ ދާއިރާއިން ތަފާތު ގިނަ ތަޖުރިބާތައް ކޮށް ކެއްކުމުގެ ޒުވާން މާހިރަކަށްވިއެވެ.
"އެންމެ ބޮޑު ކާމިޔާބު އަކަށް އެދުވަސްވަރުވީ، ކުރީގެ ރައީސް ޔާމިނާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ގެ އިތުރުން ރައިސް ސޯލިހަށް އަޅުގަނޑު ތައްޔާރުކުރި ސުފުރާތަށް ކަމުދިއުން" – އަބޯ
އޭނާގެ ގެ ކާމިޔާބީ އަނެއް ބޮޅުގެ ގޮތުގައި ފާހަގަ ކުރަނީ އޭނާގެ އަމިއްލަ އުފެއްދުމެއްކަމަށްވާ "ވަޅޯމަސް ސަބުމެރިން" ގެ ރަހަ ދިވެހިންނާއި ބޭރުގެ މީހުންނަށް ކަމުދިއުމެވެ.
ހުސްވަގުތުގައި ކުޅިވަރު ކުޅުމަށް ލޯބިކުރާ އަބޯއަކީ ރިސޯޓުގެ ހުރިހާ މުވައްޒފުންނާއިވެސް ގުޅޭ ޒުވާނެކެވެ. ރިސޯޓުގައި ބާއްވާ ފުޓްބޯޅަ އަދި ވޮލީ މުބާރާތްތަކުގައި ބައިވެރިވެ އަބޯވަނީ ރަންވަނަތެކެއް ހޯދާފައެވެ. އޭގެ އިތުރުން ބައްޕަގެ ފަރާތުން ދަސްވި ރުއްގަލު ބޭސްވެރިކަމުގެ ބޭނުން މިއަދުވެސް އޭނާ ހެޔޮ ގޮތުގައި ހިފައެވެ. ހަމަ އެހެންމެ ފަންވަތުން ތަފާތު އެއްޗެހި ފަތުރުވެރިންނަށް ހަދިޔާ ކުރުމަކީ އަބޯވަރަށް އުފަލާއެކު ކަރާކަމެކެވެ.
އަބޯ އަކީ ތަފާތު ގިނަ ހުނަރު ތަކެއް ހުރި ޒުވާނެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ބޭއްވި ބުރައިޑު ފެއާރގައިވެސް ބައިވެރިވެ މޮޑެލް ކުރުމުގެ ހުނަރު ދައްކާފައެވެ. ޑިޒައިން ކުރުމާއި ކުރެހުމަކީވެސް އަބޯގެ ހުނަރު ލިސްޓުގައި އަމުނާލެވިފައިވާ އިތުރު ކަންކަމެވެ.
ގދ ތިނަދޫއަށް އުފަން ޒުވާން ޢަބުދުالله މުޙައްމަދު ލަތީފް
ރިސޯޓްގައި ވަޒީފާ އަދާކުރަމުން ފަތުރުވެރިންނަށް ތަފާތު ދިވެހިވަންތަ ރަހަތަށް ގެނެސްދިނުމަށް އަބޯ ނަގާދޭންފެހި ކުލާސްތަކުގެ ސަބަބުން އަބޯގެ ނަންމަތީ ޓްރިޕް އެޑްވައިޒަރކަމުގައި ރަންއަކުރުން ފަވާލެވިފައިވެއެވެ.
މިވަގުތު ދަ ސްޓޭންޑާރޑް ހުރުވަޅި ރިސޯޓްގައި ޒިންމާދާރު މަގާމެއް އަދާކުރަމުންދާ އަބޯއަކީ ރިސޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް ހިނގާނަމެކެވެ. އޭޝިއާގައިވާ ކައްކާއިން ބައިވެރިވާ އެންމެ ބޮޑު އެއް މުބާރާތް ކަމުގައިވާ ހޮޓެލް އޭޝިއާގައި ވެސް ބައިވެރިވެ އަބޯގެ އެންމެ ބޮޑު ހުވަފެނެއްގޮތުގައި އޭނާ ފާހަގަކުރަނީ އަމިއްލަ ރަށުގައި ދިވެހި ރަހަތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވުމެވެ. އަދި ޒުވާނުންނަށް ދިވެހި ރަހަތަށް ދިވެހި ގޮތުގައި ތައްޔާރުކުރުމަށް ދަސްކޮށްދިނުމަކީވެސް އަބޯގެ ބޮޑު އުންމީދެކެވެ.

