ރަށަކަށް ގެނެވޭ ތަރައްޤީއަކީ އެރަށެއްގައި ހަދާ ވަކި ވައްތަރެއްގެ ކަނޑުތޮށްޓެއް ނުވަތަ ވަކި ކަހަލަ ބަނދަރެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 41 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަރައްޤީއަށްޓަކައި ޤުދުރަތީ ރީތިކަން ގެއްލޭ ގޮތަށް ވެށިތައް ހަލާކު ކުރެވެން ނެތް ކަމަށާއި ތަރައްޤީއަކީ ވަކި ކަހަލަ ބަނދަރެއް، ނުވަތަ ވަކި ބާވަތެއްގެ ކަނޑުތޮށްޓެއް ނޫން ކަމަށެވެ. އަދި ބޭނުމަކީ އެރަށެއްގައި ހަދާ ބަނދަރަކުން ދެމެހެއްޓެނިވި ފައިދާއެއް އެރަށަކަށް ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގައި ތަރައްޤީކުރާ ރީތި ބަނދަރެއްގެ ސަބަބުން ރަށް ގިރާ ރަށުގެ ހާލަތު އިތުރަށް ގޯސްވަންޏާ އެއީ ތަރައްޤީތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ. އަދި ރަށްރަށަށް ގެނެވޭ އުމްރާނީ ތަރައްގީ އިން އެ ރަށްރަށަށް ދެމެހެއްޓެނިވި ތަރައްގީ އާއި ފައިދާ ލިބޭތޯ ޔަގީންކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ދުނީޔެގެ މޫސުމަށް އަންނަ ބަދަލަށް ވިސްނުމަށްފަހު ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ރަށަށް ލިބިދާނެ ކަމަށްވިސްނައި ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި، މަޝްރޫއުތައް ފަރުމާކުރައްވާ ބޭފުޅުން އަދި މަޝްރޫއުތައް ތަންފީޒު ކުރައްވާ ބޭފުޅުންވެސް މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ސަރުކާރުގެ ކުންފުނިތަކަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތު ތަންފީޒުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ބައެއް ކަމަށާއި ހާއްސަކޮށް، އަސާސީ ހިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

