އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެސްކޫލަށް މާލެއިން ބޮޑު ބިމެއް ހަމަޖެއްސޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކުގެ ވަގުތީ ހައްލެއްގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީންވަނީ، ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމައި، ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރަން ނިންމައިފައެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމަކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވާނެ ކަމެއް ކަމަށް ބުނެ، އެ ނިންމުމާ އެއްގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ.
އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއާއި ބެލެނިވެރިން އަދި ސްކޫލުގެ އިސްވެރިންނާ އިއްޔެ ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވަނީ، އަރަބިއްޔާއަށް ހުޅުމާލޭން ސްކޫލެއް ހާއްސަކުރަން ނިންމުމުން ބައެއް ބެލެނިވެރިންގެ ފަރާތުން ކަންބޮޑުވުން އައިސްފައިވާތީ، މާލެއިންވެސް ބިމެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
"ހުޅުމާލެއިން އަޅުގަނޑުމެން 60،000 އަކަފޫޓުގެ ބިމެއް އަރަބިއްޔާއަށް މި ހާއްސަކުރަނީ، ޕްލަސް މާލެއިން ބިމެއް މިހާރު ހަމަޖެއްސޭތޯ މި ބަލަނީ މިތަން ކުޑަކަމުން މިބޭފުޅުން ބޭނުން ގޮތަށް ސްކޫލު އަޅައިދޭން." މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓޤ ސެކްރެޓަރީ ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ ޖާގައިގެ ދަތިކަން ހުރެ، އެތަނުގައި އިތުރު ހަރަކާތްތައް ހިންގަން ދަތިވެފައިވާތީ، ބެލެނިވެރިން ބޭނުންވާ ގޮތަށް މާލެއިން ބޮޑު ބިމެއް ލިބޭތޯ ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް އެ ބިން އަދި ހަމަޖެހިފައި ނުވާ ކަމަށާއި އެތަނުގެ މަސައްކަތް ފެށޭނެ ދުވަހެއްވެސް ދަންނަވަން އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގައި އަރަބިއްޔާއަށް ސްކޫލެއް އެޅިޔަސް، ސަރުކާރުން ކުރިން ނިންމާފައިވާ ގޮތަށް، ހުޅުމާލޭގައި ހަދަމުން އަންނަ ސްކޫލެއް އަރަބިއްޔާއަށް ހާއްސަކުރަން ނިންމި ނިންމުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

