ރައްޔިތުންގެ މަޖުލީހު ށ.ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެމް.އެން.ޕީން ނިންމައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ މިހާރު ހުޅުވާލެވިފައެވެ. އެހެންކަމުން އެމ.ްއެން.ޕީގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.
މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 26 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 17:00 ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުއްވުމަށް ވަނީ އަންގާފައެވެ.
އެޕާޓީން ހާމަކުރި ގޮތުގައި މިއިންތިޚާބަށް ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި ވޯޓްލުން ކުރިއަށްދާނީ 28 ޑިސެމްބަރ 2021 ވާ (ބުދަ) ދުވަހު ހެނދުނު 10:00 ން ހަވީރު 17:00 އަށް ކޮމަންޑޫ ދާއިރާގެ ރަށްރަށުގެ އިތުރުން މާލޭގެ އެމް.އެން.ޕީ އޮފީހުގައެވެ.
އެމް.އެން.ޕީގެ އިތުރުން އެހެން ޕާޓީތަކުންވެސް މި ދާއިރާއަށް ޝައުޤުވެރިކަން ފާޅުކޮށް ބައިއިލެކްޝަނަށް ކުރިމަތިލާން ވަނީ ނިންމާފައެވެ. އެގޮތުން ވެރިކަން ކުރާ ޕާޓީން (އެމް.ޑީ.ޕީ) ވެސް ވަނީ ބައިއިލެކްޝަނުގެ ޕްރައިމަރީގައި ވާދަކުރުމަށް އެފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން އެމްޑީޕީން އަންނަނީ 27 ޑިސެމްބަރ 2021 ވާ (އަންގާރަ) ދުވަހު ޕްރައިމަރީ ބެއްވުމަށް މަސައްކަތްކުރަމުންނެވެ.

