ދީނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުން ޒުވާބުކޮށް އުޅުނު ތ.ތިމަރަފުށީ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އުމުރުން 27 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނަގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި އެރަށު މީހުން މިއަންހެން މީހާ ހައްޔަރުކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފައިވާ ކަމަށާއި އެއަންހެންމީހާ މީހުންގެ މުދަލަށާއި ތަންތަނަށް ގެއްލުންދީ ދީނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުން ޒުވާބު ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަންހެންމީހާއަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއްކަމަށް އެރަށު މީހުން ވަނީ ތުހުމަތުކޮށްފައެވެ. އެއަންހެންމީހާ އެރަށު ގެސްޓު ހައުސްއަކަށް އަދި ކެފޭއަކަށް ގޮސް އެތާނގައި ތިބި މުދަލަށް ގެއްލުންދެމުންދިޔަ ވީޑިއޯއެއް މިސްމީޑިޔާގައި ވަނީ ދާދި ފަހުން ވައިރަލް ވެފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި އެއަންހެން މީހާ ވަނީ ދީނަށް ފުރައްސާރަކޮށް ހަޑިހުތުރުބަހުން އެއްޗެހި ގޮވާފައެވެ. އާންމު ތަންތާނގައިވެސް އެއަންހެންމީހާ ވަނީ ދީނަށް ފުރައްސާރަކޮށްފައެވެ.
އެހެންކަމުން އެއަންހެންމީހާ ރަށުން ބޭލުމަށް ގޮވާލާ އެރަށު މީހުންވަނީ މުޒާހަރާކޮށްފައެވެ. އަދި ރަށުގެ އެންމެން ނުކުމެ އަންހެންމީހާ ރަށުން ބޭލުވީއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

