ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕްގައި ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފިއެވެ.
މަޖިލީހުގެ މެމްބަރުންނަށް ހަދާފައިވާ ރަސްމީ ވަޓްސްއެޕް ގްރޫޕް “ޕީޕަލްސް މަޖިލިސް) ގްރޫޕްގައި ހަޑިހުތުރު ބަހުން މޮސްޓާ މުއާމަލާތް ކޮށްފައިވާ ސްކްރީންޝޮޓް ތަކެއް މިހާރުދަނީ މީސްމީޑިއާގައި ދައުރުވަމުންނެެވެ.
މެމްބަރަކު މޮސްޓާއާ ދިމާލަށް “މިއަދު މޮސްޓާ ފިރިހެނުންނާ އަޅައިގެން އުޅުއްވާ ދުވަހެއްތޯ” ވިދާޅުވުމުން އެ ސުވާލަށް ޖަވާބު ދެއްވަމުން މޮސްޓާ ވަނީ އެމެމްބަރުގެ މަންމައާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވާފައެވެ. ބޭއަދަބީ ބަސް ބޭނުންކުރެއްވުމުން ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯއްދެވުމަށް އެ މެމްބަރު ގްރޫޕޫގައި ލިޔުއްވުމުން އަނެއްކާވެސް މޮސްޓާ ވަނީ ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް އަބަދުވެސްް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަމަށެވެ. އަދި ގަވާއިދުގެ ރޫޙަށް މަޖިލީހުގެ މެންބަރުންް އަބަދުވެސް އިހްތިރާމުކުރަންވާނެކަމަށްވެސް ވެއެވެ.

