މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނ.މިލަދޫ މުސްތަރީގޭގައި ބަޔަކު ރޯކޮށްލުމުން އެގެ ވަނީ އަނދާ އަޅިޔަށްވެފައެވެ. ބޭނުން ނުކުރެވޭ ވަރަށް އެގެ ވަނީ އަނދާފައެވެ.
ހަލީލްގެ އާއިލާ ސްކޫލް ބަންދަށް މާލެ ދިޔުމުން ބަޔަކު ވަނީ ހަލީލްގެ ގެ ކަމަށްވާ މުސްތަރީގޭގައި އަލިފާން ރޯކޮށްލާފައެވެ. އާދީއްތަ ދުވަހުގެ ރޭ ދަންވަރު 1:40 ގައި ރޯކޮށްލި އަލިފާން ނިއްވާލެވުނީ ސޮނެވާ ޖާނީ ރިސޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމުން 3:45 ހާއިރު މިލަދުއަށް ގޮސް، ރަށުގެ ރައްޔިތުންގެވެސް އެހީއާއެކު 4:30 ހާއިރު ކަމަށް މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.
ހަލީލް ބުނާގޮތުގައި މީގެ ކުރިންވެސް އެއާއިލާއަށް ވަނީ އިންޒާރުތަކެއް ދީފައެވެ. ދާދި ފަހުން މިލަދޫ ކައިރީ އޮންނަ މަގޫދޫގެ ފިހާރައެއް ފަޅާލުމަށްފަހު އެއްޗެހި ވަގަށް ގެންދިޔަ މައްސަލައެއްގައި ހަލީލްގެ ދޮށީ ދަރިފުޅު ފުލުހުންނަށް ބަޔާންދީފައިވާތީ އެކަމުގެ ބަދަލު ހިފާނެ ކަމަށް އެމީހުންވަނީ ހަލީލުގެ ދަރިފުޅަށް އިންޒާރުދީފައެވެ. ވަގަށް ނެގި އެއްޗެހި ތިން މީހަކުވެގެން ގެންގުޅޭކަން އެގިގެން ހަލީލުގެ ދަރިފުޅު ފުލުހުންނަށް ބަޔާންދީފައިވާ ކަމަށް ހަލީލް މީޑިޔާއަށް މައުލޫމާތު ދިނެވެ.
މީގެ ކުރިންވެސް އެއާއިލާ މާލެ ދިޔުމުން އެގެއިން ވައްކަންކޮށް ކުދިން ކިޔަވަން ގެންގުޅޭ ސިސްޓަމްތަކާއި ވައިފައި ރައުޓަރވެސް ވަގަށް ނަގާފައިވާ ކަމަށް ހަލީލް ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
މިފަހަރު ހަލީލްގެ ދިރިއުޅުން އެއްކޮށް ވީރާނާކޮށް ހަލީލްގެ އާއިލާ މިވަނީ ހާލުގައި ޖައްސާފައެވެ. ބަޔަކަށް ބަދަލު ހިފޭނީ މިވަރަކަށެވެ. ހަލީލުގެ ގޭގައި ހިފައި ގެންގުޅޭ ހުރިހާ އެއްޗެއްގެ އިތުރުން ކުދިން ކިޔަވަން ގެންގުޅޭ ފޮތްތަކާއި ޔުނީފޯމްތައް ހިމެނޭ ގޮތަށް އެކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓްތައްވެސް މިވަނީ އަނދާ އަޅިޔަށްވެފައެވެ. އެހެން ގޮތަކަށް ބުނާނަމަ ހަލީލްގެ ދިރިއުޅުން އަނދާ އަޅިޔަށްވީއެވެ. މުޅި އުމުރުދުވަހުގެ ބުރަމަސައްކަތުން ކޮޅަށްނެގި ދިރިއުުޅުން އަލުން ސުމަކުން ފަށަން ޖެހިފައެވެ. ވަންނާނެ ގެދޮރެއް ނެތްތާނގައި އެންމެ ކުޑަމިނުން އަންނައުނެއްވެސް ނެތެވެ.

މުސްތަރީގެއަށް ލިބިފައިވާ ގެއްލުންތައް / ފޮޓޯ: މިލަދޫ ގެލެރީ ފޭސްބުކް ޕޭޖް

މުސްތަރީގެއަށް ލިބިފައިވާ ގެއްލުންތައް / ފޮޓޯ: މިލަދޫ ގެލެރީ ފޭސްބުކް ޕޭޖް
ހަލީލްގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް މިލަދޫ ކައުންސިލުން މަޝްވަރާ ކުރަމުން ގެންދާކަމަށް ކައުންސިލްގެ ނައިބު ރައީސް ސައްތާރު ވަނީ ވިދާޅުވެފައެވެ.

