ގދ. ތިނަދޫގައި ބާބެކިއު އޭރިއާ ތަރައްގީ ކުރުމަށް ބޭނުންވާ ބިން ތިނަދޫ ކައުންސިލުން، ތިނަދޫ އެސޯސިއޭޝަން ފޯރ ޔޫތު ޑިވެލޮޕްމަންޓް އެންޑް އެންޕަވަރމެންޓް (ޓޭޑް)އާއި ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރެއްވުމަށް ތިނަދޫ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއެވެ. އަދި ޓޭޑް ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ނައިބު ރައީސް އަހުމަދު ޝިޔާޛު ނައީމްއެވެ.
ޓޭޑް ޖަމްއިއްޔާއިން ބުނަނީ، އެ ޖަމްޢިއްޔާއިން ތިނަދޫގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ބާބަކިއު އޭރިއާ ގާއިމް ކުރުމުގެ މައިގަނޑު މަޤްސަދަކީ ތިނަދޫގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ރަހްމަތްތެރިންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށް އެކުވެރިކަން އާލާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށާއި، އެހެންކަމުން މިފަދަ ތަނެއް ތަރައްޤީކުރުމުގެ ސަބަބުން ލިބިގެންދާނެ ފައިދާ ތަކުގެ ތެރޭގައި ހިތްފަސޭހަ މާހައުލެއްގައި ޢާއިލާގެ މެންބަރުންނާއި ބައްދަލުވެ، ނުވަތަ ރަހުމަތްތެރިންނަށް އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިވުން ނުވަތަ އޮފީސްތަކުގެ މުވައްޒަފުން އެއްތަނަކަށް ޖަމާވެ އެކުވެރި މަޖާ މާހައުލެއްގައި ވާހަކަދައްކާލައި ގުޅުންބަދަހިވެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވުމެވެ.
އަދި ހަމަ އެހެންމެ ރާއްޖޭގެ އެކިކަންކޮޅުތަކުން އެކި ބޭނުންތަކަށް ތިނަދޫއަށް ޒިޔާރަތްކުރާފަރާތްތަކަށް ހިތްގައިމު މަންޒިލެއް ތިނަދޫއިން ލިބިދިނުމެވެ. މީގެ އިތުރުން ތިނަދޫގެ ރައްޔިތުންގެ އެކިއެކި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ހިތްފަސޭހަ މާހައުލެއް ލިބިގެން ދިޔުމަކީވެސް މިފަދަ ތަނެއް ތަރައްޤީކުރުމުން ލިބިގެންދާނެ ހައްލެއް ކަމަށެވެ.
2 އަހަރު ވަންދެން އަހަރަކު އެއްފަހަރު މި ގްރިލްތަކާއި ބެންޗްތައް މަރާމާތުކުރާނީ އެ ޖަމްޢިއްޔާގެ ފަރާތުންކަމަށާއި އަދި ހަމަ އެހެންމެ އެޖަމްޢިއްޔާގެ ފަރާތުން ރައްޔިތުންނާއި ރަށުކައުންސިލާއި ގުޅިގެން މިސަރައްދު ބަލައި ކުނިކަހައި ސާފުކުރުމުގެ މަސައްކަތް ކުރަމުން ގެންދަން ނިންމާފައިވާ ކަމަށްވެސް އެޖަމްއިއްޔާއިން ބުންޏެވެ.

