ރައްޔިތުންގެ މަޖުލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމް.ޑީ.ޕީއިން ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލުމުން ވާދަކުރުމަށް ނަން ހުށަހަޅާފައި ވަނީ އެންމެ ފަރާތެކެވެ. އެހެންކަމުން އެމް.ޑީ.ޕީގެ ޕްރައިމަރީއެއް ނުބާއްވާނެ ކަމަށް އެމް.ޑީ.ޕީން ހާމަކޮށްފިއެވެ.
އެމް.ޑީ.ޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ނަން ހުށަހެޅުމަށް ހުޅުވާލުމުން މިއަދަށް މުއްދަތު ހަމަވެފައިވާއިރު ކުރިމަތިލާފައިވަނީ ހަމައެކަނި ށ. ފޯކައިދޫ، ޔުނިވާސް، މުހައްމަދު ރާޝިދު ކަމަށެވެ.
މުހައްމަދު ރާޝިދުއަކީ ނިމިދިޔަ ތިން ދައުރުގައިވެސް (10 އަހަރު) ފޯކައިދޫ ކައުންސިލްގެ ރައީސްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. މިހާރު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރަމުންދާ އެމް.ޑީ.ޕީގެ އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އަދި އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސެވެ.
އެމް.ޑީޕީން ބުނާގޮތުގައި އެންމެ ފަރާތަކުން ކުރިމަތިލުމާއި ގުޅިގެން އެމްޑީޕީގެ ޕްރައިމަރީއެއް ނުބާއްވާ އެ ފަރާތަށް ޕާޓީގެ ޓިކެޓް ދެވޭނެއެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން ބާއްވާ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ ފެބްރުއަރީމަހު 5 ވަނަ ދުވަހުގައެވެ. އެމް.ޑީ.ޕީގެ އިތުރުން ޕީޕީއެމް/ޕީއެންސީ އަދި އެމް.އެން.ޕީއިން ވަނީ ބައިއިލެކްޝަނުގައި ބައިވެރިވާން ނިންމާފައެވެ.

