ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްވެގެންވާ ކަމެއްކަމަށާއި، މިއީ މާތްﷲ ލައުނަތް ލައްވާނެފަދަ ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސު ބަދަލު ކުރުމަކީ މާތްﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ އަމަލެއްކަމާއި، އެންމެ ކުރީގެ ސަމާޢީ ޝަރީޢަތެއްވެސް މި އަމަލު ހުއްދަކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ޑރ.ޝަހީމް ގެ މި ޓްވީޓްގައި ވިދާޅުވީ ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކާ ދުރުވާން ޖެހޭ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ އޮސްޓްރޭލިއާގައި ދިރިއުޅެމުންދާ ދިވެހި އަންހެނަކު އޭނާގެ ޖިންސު ބަދަލުކޮށް، ފިރިހެނަކަށް ބަދަލުވެފައިވާ ކަމަށް އޭނާގެ އަމިއްލަ ޓިކްޓޮކް އެކައުންޓުގައި އިއުލާނު ކުރުމާއި ގުޅިގެން އެވާހަކަތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

