ގއ.ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ނެތުމުގެ ސަބަބުން ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު މިއަދު ހޭނައްތާ ޑޮކްޓަރެއް ލިބިއްޖެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
މިދިޔަ ނިވެމްބަރ 1 އިން ފެށިގެން ގއ.އަތޮޅު ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކުނެތެވެ. އޭގެ ކުރިންވެސް އެހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ނެތުމުން ފުވައްމުލަކުން ވަނީ ހޭނައްތާ ޑޮކްޓަރަކު ގެނެސްފައެވެ. އެހެންނަމަވެސް އެއްމަސް ދުވަހުގެ މުއްދަތައް ގެނެވުނު ޑޮކްޓަރު މުއްދަތު ހަމަވެގެން ފުރައިގެން ދިޔައީއެވެ. އޭގެފަހުން ގއ.އަތޮޅު ހޮސްޕިޓަލުގައި އޮޕަރޭޝަންގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.
މިއަދު އެހޮސްޕިޓަލަށް ހޭނައްތާ ޑޮކްޓަރަކު ލިބިފައިވާ ކަމަށާއި މިއަދުންފެށިގެން އާއްމު އޮޕަރޭޝަން، ސިޒޭރިއަން އަދި ޚިތާނުކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
ޚިތާނުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކޮންމެ ދުވަހަކު ހެދުނު 10:00 އިން 12:00އަށް އެހޮސްޕިޓަލްގެ ނަންބަރ 6820034 އަށް ގުޅުއްވައިގެން އެޕޮއިންޓުމެންޓް ހެއްދެވުމަށް އެހޮސްޕިޓަލުން ވަނީ އަންގާފައެވެ.
ޚިތާނީ ސީޒަން އާއި ދިމާކޮށް ހޭނައްތާ ޑޮކްޓަރެއް ހޮސްޕިޓަލުގައި ނެތުމުން ރަށުގެ ރައްޔިތުން ދިޔައީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް ގއ.އަތޮޅު ހޮސްޕިޓަލުން މިހާރު ޚިތާނުކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމުގެ ޚަބަރު ވެގެންދާނީ އެއަތޮޅު ހުރިހާ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.

