ބަންގަލްދޭޝްއިން ރާއްޖެއަށް އޮން އެރައިވަލް ވިސާ އަނެއްކާވެސް ދޭން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހުއާ އެކަމަނާ މިއަދު ހެނދުނު ބައްދަލުކުރައްވައި ވާހަަކަފުޅު ދައްކަވަމުން މިކަން ވަނީ އިޢުލާން ކޮށްފައެވެ.
އެކަމަނާ މިއަދު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އަލުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދޭން މިހާރު ނިންމާފައިވާ ކަަމަށެވެ. ބަންގްލަދޭޝްއިން ދިވެހީންނަށް ދެމުން އައި އޮން އެރައިވަލް ވިސާ މެދުކަނޑާލީ ކޮވިޑް ހާލަތާއި ގުޅިގެން ނެވެ.
އޮން އެރައިވަލް ވިސާ ދޭން ނިންމިކަން ޝައިހް ހަސީން އިއުލާންކުރެއްމުގެ ކުރިން މިގޮތަށް ވިސާ ހަމަޖައްސައިދީ އަދި ރާއްޖޭގެ ދަރިވަރުންނަށް ބަންގްލަދޭޝްގެ ދިގު މުއްދަތުގެ ވިސާ ހަމަޖައްސައިދިނުމަށް މީގެ ކުރިން ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.
ޝައިހް ހަސީނާ އިތުރަށް ވިދާޅުވީ ޔޫއެސް-ބަންގްލާ އެއާލައިނުން ރައްޖެއަށް ފެށި ދަތުރުތަކާއެކު ދެގައުމުގެ ވައިގެ ދަތުރުތައް މިހާރު ވަރުގަދަވެފައިވާ ކަމަށާއި އަދި ބަންގްލަދޭޝްގެ ނެޝެނަލް އެއާލައިންއިން ބިމާރު އެއާލައިންއިން ރާއްޖެއާަ ޑާކާއާ ދެމެދު ވައިގެ ދަތުރުތައް ފެއްޓުމަށް ވިސްނަމުންދާ ކަަމަށެވެ. އަދި މިއާއެކު ގިނަ ބަޔަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބި ޓޫރިޒަމްއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތަކެއް ކުރުމަށް ޝިޕިން ލައިންއެއްގާއިމުކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އެދުނު އެދުމާ އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި، އަދި މިފަދަ އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ސްޕެޝަލިސްޓުން ތަމްރީންކުރުމަށް ހާއްސަ ޕޯސްޓް ގެރެޖުއޭޓް ކޯސްތައް ފަރުމާކުރައްވާނެ ކަމުގެ ޔަގީންކަންވެސް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިއަދު ވަނީ ދެއްވާފައެވެ.

