ޔުނައިޓެޑް ނޭޝަންސް ކަލްޗުރަލް އެޖެންސީ (ޔުނެސްކޯ)ގެ ސަޤާފަތާއި ތަރިކައިގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ސޫޕެއް ހިމަނައިފިއެވެ.
ޒަމާންތަކެއް ކުރިން 1800 ގެ އަހަރުތަކުން ފެއްޓިގެން ހެއިޓީގައި ވަރަށްބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ "ޖޫމޯއު ސޫޕް" އަކީ ރަސްމީގޮތުން ހެއިޓީގެ އެއްޗެއް ގޮތުގައި ކަނޑައަޅައި، ޔުނެސްކޯގެ ސަޤާފަތާއި ތަރިކައިގެ ލިސްޓުގައި މިސޫޕް ވަނީ ހިމަނާފައެވެ.
ޒަމާނުއްސުރެ، މިސޫޕް ވެފައި ވަނީ ހެއިޓީގެ މިނިވަންކަމާއި، ބަސްބުނުމުގެ މިނިވަންކަން ރަމްޒު ކޮށްދޭ ރަމްޒެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކޮންމެ އަހަރަކު ހެއިޓީގެ މިނިވަން ދުވަސް ކަމުގައިވާ ޖެނުއަރީ 1 ވަނަ ދުވަހު އެޤައުމުގެ ގިނަ ބަޔަކު ހެނދުނުގެ ނާސްތާއަށް، ސަޤާފީގޮތަށް ކައްކައިގެން މި ސޫޕް ބޮއި އުޅެއެވެ. މިއީ ޒަމާނުއްސުރެ ހެއިޓީގައި ދިރުވަމުން އަންނަ ސަޤާފީ އާދައެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

ޔުނެސްކޯއިން ޖޫމޯއު ސޫޕް ސަޤާފަތާއި ތަރިކައިގެ ލިސްޓުގައި ހިމަނައި، ހެއިޓީ އަޅުވެތި ކަމުން އަރައިގަނެ މިނިވަންކަން ލިބުމުގެ ޤައުމީ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ޚާއްސަ ރަމްޒެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިސޫޕަކީ ކެއުމުގެ ބާވަތެއްގެ ގޮތުގައި ބައެއް ފަރާތަށް ސިފަވެގެން ދިޔަނަމަވެސް ހެއިޓީގެ ރައްޔިތުންނަށް މިއީ އެއަށް ވުރެ މަތީ ޤަދަރެއް ދެވިފައިވާ ޤައުމީ ރަމްޒެކެވެ.
ޔުނެސްކޯގެ އިިންޓޭންޖިބްލް ކަލްޗުރަލް ހެރިޓޭޖް ކޮމިޓީން މިނިންމުން ނިންމާފައިވާއިރު، މިސޫޕް ހިމަނާފައިވަނީ މިންނުކުރެވޭ އިންސާނިއްޔަތާއި ސަޤާފަތު ރަމްޒުކޮށްދޭ ތަކެތީގެ ލިސްޓުގައެވެ.
މި ޑިޝް އަށް "ގިރައުމޮން ސޫޕް" ވެސް ކިޔައެވެ. މި ސޫޕަކީ ބަރަބޯ، ތަރުކާރީ، އެއްގަމު މަސް، ޕާސްތާ އަދި ތަފާތު ހަވާދުގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ސޫޕެކެވެ.
މި ސޫޕަކީ 1804 ވަނަ އަހަރުން ފެއްޓިގެން ހެއިޓީގައި އަޅުން އެމީހުންގެ ވެރިފަރާތަށް ކައްކައިދީ އުޅުނު ސޫޕެކެވެ. ނަމަވެސް މިސޫޕް ރަހަބެލުން ނުވަތަ ބުއިން ހެއިޓީގައި އަޅުންނަށް މަނާކުރެވިފައިވާ ކަމަށް ބުނެވެއެވެ. އަޅުން މިނިވަންވެ، އެމީހުންގެ އަބުރާއި އިއްޒަތް އަލުން އަނބުރާ ލިބިފައިވާކަން ހާމަކުރުމަށް އެޤައުމުގެ މިނިވަންދުވަހު ހެނދުނުގެ ނާސްތާއަށް ހެޓީގެ ގިނައަދަދެއްގެ ރައްޔިތުން ޤައުމީ ޖޯޝެއްގައި މިސޫޕް ބޭނުންކުރެއެވެ.

