ހުވަދު އަތޮޅަށާއި އައްޑު އަތޮޅަށް މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް މަސްކިރާ މިންވަރު އިތުރުވެއްޖެކަމަށާއި، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށްވެސް މިފްކޯއަށް ކިރާފައިވާ މަހުގެ އަދަދު ވަނީ އިތުރުވެފައިކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މަސްވެރިކަން މި ދުވަސްކޮޅު ރަނގަޅުކަމަށާއި، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 400 މެޓްރިކް ޓަނާއި 500 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ގަންނަމުންދާކަމަށެވެ. އަދި މިގޮތަށް މަސް ގަންނަމުންދާތާ 2 ހަފްތާ ވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން މިފްކޯއިން ބުނީ، ދޯނިފަހަރުން ދުވާލަކަށް 5 ޓަނާއި 25 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ބާނަމުންދާކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވެފައިވާއިރު މިފްކޯގެ ޖަޒީރާ 102 ބޯޓުވަނީ މަސްގަންނަން ފަށާފައިވާކަމަށާއި، މި ބޯޓު މަސްގަންނަން ފެށުމާއިއެކު ދުވާލެއްގެ މައްޗަށް މަސް ގަނެވޭ މިންވަރު ގަނެވޭ އަދަދު 100 ޓަނަށް އިތުރުވެގެންދާނެކަމަށެވެ.
މިފްކޯއިން ބުނީ މިމަހުގެ ބާކީއޮތް ދުވަސްތަކުގައިވެސް މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ ޓަނުގެ މަސް ގަނެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި މިފްކޯއަށް މުޅި ޖުމްލަ ގަނެފައިވަނީ 49،392 ޓަނުގެ މަހެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް މިފްކޯއިން 54،600 އަށްވުރެ ގިނަ ޓަނުގެ މަސް ވަނީ ގަނެފައެވެ.

