ރާއްޖޭގެ އެކި ހިސާބުތަކަށް މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެފައިވާތީ އާއި ޕްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް އެ ކުންފުންޏަށް މަސް ލިބެމުންދާތީ މަސްކިރުމަށް ދަތިތަކާއި ކުރިމަތިވެ މަސް ގަތުން ލިމިޓް ކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ލިބޭ މަހުގެ ޢަދަދު އިތުރުވެފައިވާތީ ދޯންޏަކުން 5 ޓަނުގެ މަސް ކިރާގޮތައް އެ ކުންފުނިން ހަމަޖައްސައިފައިވާކަމަށެވެ. އަދި ދޯނިފަހަރު ކިޔޫގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލެޓީގައި މަސް ގަންނަން ބޭނުންވާތީ މިމަހުގެ 23ވަނަ ދުވަހު ކިޔޫއަށްއެރި ދޯނިފަހަރުގެ މަސް ހުކުރު ދުވަހުވެސް ކިރަމުންދާކަމަށެވެ.
އާންމުގޮތެއްގައި ހުކުރު ދުވަހަކީ މިފްކޯއިން މަސްކިރާ ދުވަހެއް ނޫނެވެ. އެހެންނަމަވެސް މަސްވެރިކަން ރަނގަޅުވެ ފާއިތުވި 4 ހުކުރު ދުވަހުވެސް މިފްކޯއިން ވަނީ މަސްކިރާފައެވެ.
މިފްކޯއިން ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މަސްވެރިކަން މި ދުވަސްކޮޅު ރަނގަޅުކަމަށާއި، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 400 މެޓްރިކް ޓަނާއި 500 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ގަންނަމުންދާކަމަށެވެ. އަދި މިގޮތަށް މަސް ގަންނަމުންދާތާ 2 ހަފްތާ ވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

