ޢާންމު ޙިއްސާދާރުންގެ ފަރާތުން އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުޙަބާ ކިޔައި ހިތްވަރުދޭ ކަމެއްކަމަށެވެ. އަދި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެކަމަށާއި، އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުގެ ކުރިން ކަމަށްވެސް އުރީދޫ އިން ބުނެއެވެ.
ޢާންމު ޙިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަންޖެހޭކަމަށް އުރީދޫއިން ބުނެއެވެ.
އޭގެތެރޭގައި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށްވުމާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ޢާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ “ފިޓް އެންޑް ޕްރޮޕަރ” މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.
އަދި ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީއަކުން ޑިގްރީ ޙާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުމާއި، ދިވެހިރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރގައި، އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެއެވެ. މީގެއިތުރުން މަދުވެގެން 1 އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮންނަން ޖެހޭނެކަމަށް އުރީދޫއިން ބުނެއެވެ.
ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ. 2022ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ ޢާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2024ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.

