ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ފައިސާ ފޮނުވުމުގައި ހުރި ދަތިކަން ނައްތާލުމަށްޓަކައި ދިވެހި ރުފިޔާ ބަންގްލަދޭޝްއަށް ފަސޭހައިން ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ މަސައްކަތްތެރިންނާއެކު އިސްކަންދަރު ސްކޫލުގެ އޮޑިޓޯރިއަމްގައި ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝެއިހް ހަސީނާ ވިދާޅުވީ ޤައުމަށް އެނބުރި ވަޑައިގެންނެވުމުން މަސައްކަތްތެރިން ފާހަގަކުރެއްވި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖެ އާއި ބަންގްލަދޭޝާ ދެމެދު ދިވެހި ރުފިޔާ ދައުރުވާނެ ގޮތް ހަދައިދޭނެ ކަމަށެވެ.
މީގެ އިތުރުން ޑޮލަރުގެ ތާށިކަމާއި އަގުމަތިވުމާއެކު ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން ފައިސާ ފޮނުވުމުގައި ހުރި ދަތިތަކަށް ސަރުކާރުން ހައްލެއް ހޯދައިދިނުމަށް “ޕްރޮބާޝީ ކަލްޔަން ބޭންކް” މެދުވެރިކޮށް ބިދޭސީންނަށް ރާއްޖެއިން ފައިސާ ފޮނުވޭނެ ގޮތަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހަސީނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ބަންގްލަދޭޝް ބޭންކުން މަނީ އެކްސްޗޭންޖް އެޖެންޓެއް އައްޔަންކުރާނެ ވާހަކަ ވިދާޅުވިއެވެ.
ހަމައެއާއެކު ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ވައިގެ މަގުން ގުޅާލުމަށް ބިމާން ބަންގްލަދޭޝް އެއަރލައިންސްއިން ދަތުރުތައް ފަށާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެ ވަޑައިގަންނަވައިގެން ޝެއިހް ހަސީނާ ވަނީ ދިވެހި ސަރުކާރާއެކު ހަތަރު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ދެގައުމުގެ ދެމެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކަކީ:
- މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް
- ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ އޭރިއާސް އޮފް ހެލްތްކެއާ އެންޑް މެޑިކަލް ސައިންސް
- މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް
- ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމަންޓެވެ.
މީގެއިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވިއެވެ.
ރަސްމީ ދަތުރުފުޅު ނިންމާލުމަށްފަހު މިހާރު އެކަމަނާ ރާއްޖޭގައި ހުންނެވީ ޗުއްޓީ ހޭދަކުރުމަށެވެ. ޝެއިހް ހަސީނާ ފުރާވަޑައިގަންނަވަނީ މިމަހު 27 ވަނަ ދުވަހުގައެވެ.

