ސޯޝަލް މީޑިއާގައި ވައިރަލްވެ ދައުރުވަމުންދާ ވީޑިއޯއެއްގައި، ގުޑި އަރުވަން އުޅުނު ސްރީލަންކާ މީހަކު، ވައިގެ ތެރެއަށް ވިއްސައިގެން ގޮސް ވައިގެ ތެރޭގައި އުދުހޭ މަންޒަރު ފެނިގެން ދެއެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގުޑިއާއެކު ވައިގެ ތެރެއަށް ވިއްސައިގެން ދިޔަ ފަރާތް، ބޮޑު ގުޑިއެއް އެރުވުމުން، ޖެހުނު ގަދަ ވަޔާއެކު، ކޮންޓްރޯލް ނުވެ ވާފަށުން ދޫނުވުމުން ވަޔާއެކު ވިއްސައިގެން ދިޔައީ ކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި، ގުޑީގައި ޖަހާފައިވާ ވާފަށުގައި ހިފަހައްޓައިގެން ގުޑި އެރުވި ފަރާތް ވައިގެ ތެރޭގައި ހަރަކާތްރެވާ މަންޒަރު ފެނެއެވެ. ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ވާފަށާއެކު މީހާ ތިރިއަށް އައިސް، ވަކިވަރަކަށް ތިރިވުމުން، ވާފަށުން ދޫކުރުމުން ބިމަށް ވެއްޓޭ މަންޒަރު ފެނިގެން ދެއެވެ. އަދި މަންޒަރު ބަލަން ތިބި ފަރާތްތަކުން ދުވެ ކައިރިއަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭ މަންޒަރުވެސް ފެނެއެވެ. ވިއްސައިގެން ދިޔަ ފަރާތަށް ނަސީބު ކަންދިމާކުރިގޮތުން މާބޮޑު އަނިޔާތަކެއް ލިބިފައި ނުވެއެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުދުހިގެން ދިޔަ ފަރާތް ބުނެފައިވާގޮތުގައި، ބޮޑު ގުޑިއެއް އުދުއްސާލިއިރު، އޭނާގެ ފަހަތުގައި އެހެން ފަރާތްތައް ހިފަހައްޓައިގެން ތިބި ކަމަށް ހީކުރެވުނެވެ. ވާފަށުން ދޫނުކުރީ ވައިގެ ތެރޭގައި ވަނިކޮށް ދޫކޮށްފިނަމަ، އަނިޔާއެއް ލިބިދާނެކަމަށް ވިސްނައިގެންނެވެ. އަދި ވަކި ވަރަކަށް ބިމާއި ކައިރިޔަށް ތިރިވެ އަދި އަތް ބަލިވުމުން ދެން އެހެން ގޮތެއް ނެތިގެން ދޫކޮށްލީ ކަމަށެވެ. މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިއްސައިގެން ދިޔަ ފަރާތަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ތަންތަން ކަނޑައިގެން ގޮސް ކުދި އަނިޔާތަކެއް ކުރިމަތިވީ ކަމަށެވެ.
މި ވީޑޯ ސޯޝަލް މީޑިއާގައި ސްރީލަންކާ ޓްވީޓްސް ކިޔާ ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރުމުން މިހަފްތާގައި ހިއްސާކުރުމުން، މިވީޑިއޯ ވައިރަލްވެ ސޯޝަލް މީޑިއާގައި ގިނަބަޔަކު، މިވީޑިއޯ ޝެއާކޮށްފައި ވެއެވެ. މި ވީޑިއޯއިން ފެންނަ ފެނުމުގައި މިއީ ސްރީލަންކާގެ ޖަފްނާ ސަރަހައްދުގައި ނަގާފައިވާ ވީޑިއޯއެކެވެ. ވީޑިއޯ ބެލި ގިނަ ފަރާތްތަށް ކޮމެންޓްކޮށް އަދި ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިގެން ދިޔައީ، ގުޑި އެރުވުން ފަދަ އާދައިގެ ކަމެއް މިފަދަ ނުރައްކާތެރިކަމަށް ބަދަލުވެދާނެކަމަށް ކުރިން ހީކުރެވިފައި ނުވުމުންނެވެ.

