އިންޑިޔާގެ ސްކޫލެއްގައި ކުދިންނަށް ދިން ޓެސްޓު ޕޭޕަރަކު ހިމަނާފައިވާ ސުވާލަކުން ގިނައަދަދެއްގެ ބެލެނެވެރިން ނުރުހުން ފާޅުކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން މަދްޔަ ޕްރަދޭޝްގެ ޚާންދްވާ ޑިސްޓްރިކްޓްގައި ހުންނަ އެކެޑެމިކް ހައިޓްސް ޕަބްލިކް ސްކޫލުން، މިދިޔަ ބުދަ ދުވަހު ބޭއްވި އިމްތިހާނެއްގައި އެ ސްކޫލުގެ ގްރޭޑް 6 ގެ ދަރިވަރުން ތަކަކަށް ދިން އިމްތިހާން ޕޭޕަރުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު އާއި ސައިފް އަލީޚާންގެ ދަރިފުޅުގެ ނަމަކީ ކޮބައިތޯ އަހާފައި އޮތުމުން ބެލެނެވެރިން ރަތަށް އަރައިފިއެވެ.
އެއިމްތިހާނަކީ ތާރީޚާއި ބެހޭ އިމްތިހާނަކަށްވެފައި އެފަދަ ސުވާލެއް ހިމަނާފައި އޮތުމުން އެކަން ބެލެނެވެރިންވަނީ ހަރުކަށި އިިބާރާތުން ކުއްވެރިކޮށްފައެވެ. އަދި އެކަމާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.
ޚާންދްވާ ޑިސްޓްރިކްޓް އޮފިސަރ (ޑީއީއޯ) ސަންޖީވް ބަލްރާއޯ އާ ހަވާލާދީ ރިޕޯޓްތަކުގައި ވާގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެމައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި އެކަމާ ގުޅިގެން އެ ސްކޫލަށް މިހާރު އެންގުމެއް ފޮނުވާފައިވާނެ ކަމަށާއި ސްކޫލާ މެދު ފިޔަވަޅު އަޅަން އެނގޭނީ އެ އެންގުމަށް ސްކޫލުން ޖަވާބުދާރީވާ ގޮތަކަށް ބަލާފައި ކަމަށް ވެސް ސަންޖީވް މައުލޫމާތުދީފައިވެއެވެ.
އެސްކޫލުގެ ޕޭރެންޓް ބޮޑީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަނީޝް އަރްޖާރޭ މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި ކަރީނާ އާއި ސައިފްގެ ދަރިފުޅަށް ކިޔަނީ ތައިމޫރު ކަން އިންޑިޔާގެ އެންމެނަށް އެގޭ ކަމަށާއި އެގޮތަށް އެސުވާލު ގެނެސްފައި އޮތުމުން އެކަން ކުއްވެރިކުރާ ކަމަށެވެ.
އަނީޝް އިތުރަށް ބުނެފައިވަނީ އިންޑިޔާގެ ތާރީޚުގައި “ތައިމޫރް” ކިޔާ ވަރަށް ނުފޫޒުގަދަ ހަނގުރާމަވެރިޔަކު އުޅުނުކަމަށެވެ. އެހެންނަމަވެސް އެއްވެސް ބައެއްގެ ދަރިންނާ އެގޮތަށް ބެހި، މައިންބަފައިންގެ ޝުއޫރުތަކަށް ވިސްނައިނުލުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް އަނީޝް ބުނެފައިވެއެވެ.

