މަސްތުވާ ތަކެތި ބޭނުންކުރާ ކުދިންނަށް ފަރުވާ ދެވޭނެ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގދ.ވާދޫގައި އަޅަން ބޭނުންވާ ކަމަށް ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ (ހަމްބެ) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ހަސަން ވިދާޅުވެފައިވަނީ ވާދޫގައި ޑިޓޮކްސް ސެންޓަރެއް ހިންގުމަކީ ވާދޫ ކައުންސިލްގެ ވިސްނުމެއް ކަމަށާއި މިކަމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މިކަމުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ ދީލަތި އެހީފުޅެއް ބޭނުންވާ ކަމަށް ވާދޫ ކައުންސިލްގެ ރައީސް ވަނީ އެދިލައްވާފައެވެ.
ހަސަން ވިދާޅުވާ ގޮތުގައި މިފަދަ ތަނެއް ހުޅުވިގެންދާއިރު ބޭނުންވާ ބޭހާއި އެހެނިހެން ޚަރަދުތައް ކައުންސިލުން ކުރިނަމަވެސް އެތަނަށް ބޭނުންވާ ބައެއް ވަސީލަތްތައް ސަރުކާރުން ދެއްވަން ޖެހޭނެކަމަށް ދެކިލައްވާ ކަމަށެވެ. އަދި މިތަން ހުޅުވިގެންދާއިރު އެތާނގައި ތިބޭ ކުދިންނަށް ބޭސް ފަރުވާ ދިނުމަށް ވާދޫ ހެލްތު ސެންޓަރާއި ކައުންސިލާއި ދޭތެރޭ އެއްބަސްވުމެއް އެކުލެވިގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އެފަދަ ސެންޓަރަކުން ފަރުވާ ހޯދައިގެން މުޖުތަމައުތެރެޔަށް ނުކުންނަ ކުއްޖާއަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ފަދަ މަސައްކަތެއް އެކިއެކި ރޮނގުތަކުން ހޯދައިދެވޭނެ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
ޑިޓޮކްސިފައިކުރުމަކީ ބޭސްދީގެން އެއްވެސް ވޭނެއް ތަހައްމަލް ކުރުމަކާއިނުލާ މަސްތުވާ ތަކެތި ބެނުންކުރާ މީހުންނަށް ނަރުހުންނާއި ޑޮކްޓަރުންގެ ބެލުމުގެ ދަށުން ބޭސްދީ އެކަމުން ސަލާމަތް ކުރުމެވެ.

