ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނެތިގެން އެހޮސްޕިޓަލަށް ގެނައި ކުޑަކުދިންގެ ޑޮކްޓަރު ފިލައިފިއެވެ.
ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ ގއ.ވިލިނގިލީ ހޮސްޕިޓަލުން ތިނަދޫ ހޮސްޕިޓަލަށް ގެނައި ކުޑަކުދިންގެ ޑޮކްޓަރު ވީނުވީއެއް ނޭގި ފިލާފައިވާ ކަމަށާއި އަންނަ ޖެނުއަރީމަހު އެހޮސްޕިޓަލަށް ކުޑަކުދިންގެ ޑޮކްޓަރެއް ލިބޭނެ ކަމަށެވެ.
ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި މީގެ ދެދުވަސްކުރިން ގއ.ވިލިނގިލީގައި ހުރި ކުޑަކުދިންގެ ދެޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު ތިނަދޫއަށް އައިކަން ހޮސްޕިޓަލަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް ޑިއުޓީއަށް ނުކުންނަން ގުޅުމުން އެޑޮކްޓަރުގެ ޚަބަރެއް ނުވިކަމަށެވެ. އަދި މިހާރު އެޑޮކްޓަރު ރާއްޖެއިން ފުރައިގެން ބަންގްލަދޭޝްއަށް ދިޔަކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.
އެހެންކަމުން މިހާރު އެމަޖެންސީއެއް ދިމާވާ ކޮންމެ ފަހަރަކު ގއ.ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ޑޮކްޓަރ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލަށް ގެންނަނީއެވެ.
މިހާރު ޤަވައިދުގައި އޮންނަ ގޮތުން ޑޮކްޓަރުންގެ ޕާސްޕޯޓް އޮންނަނީ އެމީހުންގެ އަތުގައެވެ. އެހެންކަމުން ބޭނުން ވަގުތަކު ފުރައިގެން ދިޔުމުގެ ފުރުސަތު އޮވެއެވެ.
ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ޑޮކްޓަރުންގެ ދަތިކަމަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ.

