އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބް ލިވަޕޫލްގެ ކުރީގެ ސްޓްރައިކަރު ޑެނިއަލް ސްޓަރިޖް ވެފައިވާ ވައުދު ނުފުއްދުމުން ގެއްލުމުގެ ބަދަލު 30 ހާސް ޑޮލަރު ދޭން ޖެހިއްޖެއެވެ.
އުމުރުން 32 އަހަރުގެ ސްޓަރިޖް ގެންގުޅޭ ކުއްތާ "ލޫޗީ" 2019 ވަނަ އަހަރު ގެއްލިގެން ކުއްތާ ހޯދައިދިން މީހަކަށް ފައިސާގެ އިނާމެއް ދޭނެކަމަށް ސްޓަރިޖް ވަނީ ވައުދުވެފައެވެ. ރިޕޯޓްތައް ބުނާގޮތުން އެކުއްތާ ހޯދައި ރައްދު ކޮށްދިން ކިލަ ފޭމްގެ ނަމުން މަޝްހޫރު ރެޕާއެއް ކަމަށްވާ ފޯސްޓާ ވޮޝިންޓަން ކިޔާ މީހާއަށް އެއިނާމު ދީފައިނުވެއެވެ.
އެހެންކަމުން ފޯސްޓާ ވަނީ މިމައްސަލައިގައި ދައުވާކޮށްފައެވެ. ކުއްތާ ހޯދުމަށް ފޯސްޓާ އަމިއްލަ އަތުން ހޭދަކުރި 85 ޑޮލަރުގެ ބަދަލު ފުޓްބޯޅަ ކުޅުންތެރިޔާގެ އަތުން 30 ހާސް ޑޮލަރު ފޯސްޓާއަށް ދޭން ކެލިފޯނިޔާގެ ކޯޓަކުން ހުކުމްކޮށްފައިވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މިހުކުމާއި އެއްގޮތަށް ސްޓަރިޖް އަމަލުކުރާނެ ކަމަށް އުއްމީދުކުރާކަމަށް ފޯސްޓާ ވަނީ ބުނެފައެވެ. މިހާރު އޮސްޓްރޭލިއާގެ ޕާތު ގްލޯރީ އަށް ކުޅޭ ސްޓަރިޖް މިމައްސަލައިގައި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

