ރައްޔިތުންގެ މަޖުލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވާފައިވާ ނިވާކަން ކުޑަ ހެދުމެއްލައިގެން އަންހެނުން ނަށާ ވީޑިޔޯތަކެއްގެ ސްކްރީން ޝޮޓްތަކެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
އެސްކްރީންޝޮޓްތަކުން ދައްކާ ގޮތުގައި މިވީޑިޔޯ އެގްރޫޕަށް ފޮނުވާފައިވަނީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ. މިގްރޫޕަކީ މަޖިލީހުގެ އަންހެން މެންބަރުންވެސް އަދި މަޖުލީހުގެ ރައީސްވެސް ހިމެނޭ ގްރޫޕެކެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން އެގްރޫޕުގައި ހިމެނޭ މަޖިލީހުގެ ދެ މެންބަރަކު ވިދާޅުވެފައިވަނީ އެއީ އަނދުން ހުސައިން ގްރޫޕަށް ފޮނުވި ވީޑިޔޯތަކެއް ކަމަށެވެ. މަޖިލިސް ވަޓްސްއަޕް ގްރޫޕުގެ ސްކްރީންޝޮޓުން ފެންނަނީ ނިވާކަން ކުޑަ ހެދުންތަކެއް އަންހެނުންތަކެއް ލާފައި ތިބި މަންޒަރެވެ.
މީގެ ކުރިންވެސް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) މަޖިލިސް ގްރޫޕުގައި އަވަގުރާނަ ގޮވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް މަޖިލިސް އިދާރާ އިން ވަނީ މޮސްޓާއަށް ނަސޭހަތްތެރިވެފައެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މަޖިލީހުގެ ގްރޫޕުގެ ސްކްރީން ޝޮޓްތަކަށް ކޮމެންޓުކުރަމުން ގިނަބަޔަކު ބުނަމުންދަނީ މޮސްޓާއާ މެދު ފިޔަވަޅު އަޅައިފި ނަމަ އަނދުން ހުސައިންއާ މެދުވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

