އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުންވަނީ ބައިވެރިޔާއަށް ތެދުވެރިވެ، އަހަރެމެންނާ އެކު ތެދުވެރި ގުޅުމެއް ބާއްވަން ކަމާމެދު އެއްވެސް މީހަކު ދެކޮޅު ނަހަދާނެއެވެ. އިތުބާރުގެ ސަބަބުން ގުޅުމެއް ނިމުމަކަށް ގެނެވިދާނެއެވެ. މިފަދަ ކަންކަމަށް ވިސްނާލާއިރު، އިތުބާރަކީ ކިހާ މުހިންމު ކަމެއްކަން އެނގިގެންދެއެވެ.
އެކުގައި މަސައްކަތް ކުރަން ޖެހޭ ގުޅުމެއްގެ އިތުބާރު ދެމެހެއްޓުމުގެ ވާހަކަ ދައްކާއިރު، ރަނގަޅަށް ވާހަކަ ދެކެވި ރަނގަޅު ގުޅުމެއް އުފައްދައި، އެކަކު އަނެކަކަށްޓަކައި އެގޮތުގައި ތިބެން ޖެހެ އެވެ. ވަރަށް ގިނަ ފަހަރަށް ކުރީގެ ލޯބިވެރިއެއްގެ ފަރާތުން ފެނިފައިވާ ގޯސްތަކަށް ޖާގަ ދީ، އެއަށް ބުރަވެ، މިހާރުގެ ގުޅުންތަކުގައި އަހަރެމެންގެ އިހްސާސްތައް ކޮންޓްރޯލުކޮށް ހިވާ ހީތަކަށް ބުރަވެ ގޮތް ނިންމެއެވެ. މިކަން ހުއްޓުވަން ޖެހެ އެވެ. ތިބާގެ މުހިންމު އެހެން މީހަކު ތިބާއަށް އިތުބާރުކުރާ ކަމަށް ބުނި ނަމަވެސް ގިނަފަހަރަށް ޢަމަލުކުރެވެނީ އެމީހަކަށް ކުރިން ތަޖުރިބާ ކުރެވިފައިވާ ގޯސް ތަޖުރިބާއަކަށް ބުރަވެ، އެފަދަ ކަމެއް ދެން ކުރިމަތި ނުވާނެ ގޮތަކަށެވެ.
ތިބާގެ ބައިވެރިޔާ ތިބާއަށް އިތުބާރު ނުކުރާނަމަ، ބައިވެރިޔާގެ ފަރާތުން ފެނިގެންދާނެ ބައެއް ކަންތައްތަކަށް މިލިޔުމުގައި އަލިއަޅުވާލެވިފައިވާނެއެވެ. ބައިވެރިޔާ ތިބާއަށް އިތުބާރު ނުކުރަންޖެހޭ އެއްވެސް ސަބަބެއް ތިބާގެ ފަރާތުން ކުރެވިފައި ނުވި ނަމަވެސް، ބައިވެރިޔާ ކުރަން ބޭނުންވާ ބައެއް ކަންކަން ހުރެދާނެއެވެ. ނަމަވެސް ބައިވެރިޔާ އިތުބާރު ނުކުރާކަން އެނގުނު ނަމަވެސް ގިނަ ހާލަތްތަކުގައި، ގުޅުމަށް މާބޮޑު އަސަރެއް ނުކުރިކަމުގައި ވީނަމަވެސް، ބައެއް ހާލަތްތަކުގައި ގުޅުން ކަނޑާލުމަކީ ނުކޮށް ނުވާނެ ކަމެކެވެ.
އެއްކަމަކާއި ގުޅިގެން ތަފާތު ސުވާލުތަކެއް ތަކުރާރުކޮށް ކުރުން
ތިބާ ދައްކާ ވާހަކަ އަނެއް ފަރާތުން ޤަބޫލު ނުކުރާ ކަމުގެ އެއް ނިޝާނަކީ، އެއް ސުވާލުތަކެއް އެއް ކަމަކާއި ގުޅުވައިގެން ތަކުރާރުކޮށް ކުރުން ހިމެނެއެވެ. މިފަދައިން އެފަރާތްތަކުން ޢަމަލުކުރުމުގެ މައިގަނޑު މަޤްސަދަކީ، ތިބާ ތަފާތު ޖަވާބެއް އޮޅިގެންނަމަވެސް ދޭތޯ ބެލުމެވެ. އަދި ތިބާގެ ވާހަކަ ބަދަލެއް އަންނަ ނަމަ ފަސޭހައިން މިފަދަ ފަރާތްތައް ފާހަގަ ކުރެއެވެ.
ތަކުރާރުކޮށް ތަފާތު ކަންކަމުގެ އިލްޒާމް ތިބާގެ ބޮލުގައި އެޅުވުން
މީހަކު ތިބާއަށް އިތުބާރު ނުކުރާ ނަމަ، ކޮންމެވެސް ކަމެއްގެ އިލްޒާމް އަބަދުވެސް ތިބާގެ ބޮލުގައި އަޅުވާނައެވެ. މިފަދަ އިލްޒާމް ތަކުރާރުކޮށް ބޮލުގައި އަޅުވައި، އެފަދަ ކަމެއް ކޮއްފައިވާ ކަމުގެ އިހްސާސް ކުރެވޭ ތިބާއަށް އިހްސާސް ކުރުވައެވެ. އެފަދަ އިލްޒާމް އަޅުވަނީ އެފަދަ ކަންކަމުން އަރައި ގަންނަން އެފަދަ ފަރާތްތައް ބޭނުން ނުވާތީއެވެ. މިއީ ގިނަފަހަރަށް ތަފާތު ހިންހަމަނުޖެހުން ކުރިމަތި ކުރުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
ތިބާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ސިއްރުން ބަލައި ޗެކްކުރުން
ބައިވެރިޔާ ތިބާއަށް އިތުބާރު ނުކުރާނަމަ، ތިބާގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތައް ތިބާއަށް ސިއްރުން ބަލައި ޗެކްކުރާނެއެވެ. އެކި މީހުންގެ ސްޓޭޓަސްތަކަށް ތިބާކޮށްފައިވާ ކޮމެންޓް ނުވަތަ، ތިބާއާއި އެހެން މީހުންނާއި ދެމެދު ހިގާފައިވާ މުއާމަލާތްތައް ބަލައި ޗެކްކުރާނެއެވެ. އެފަދަ މީހުން ބޭނުންވަނީ ތިބާގެ ފަރާތުން ކުށެއް ހޯދުން ނުވަތަ ތިބާއަކީ އެމީހުން ޤަބޫލުކުރާފަދަ ބޭވަފާތެރިއެއްކަން ސާބިތުކުރުމަށެވެ.
ތިބާގެ ފޯނު ބަލައި ޗެކްކުރުން
ބައިވެރިޔާގެ ފޯނު ބަލައި ޗެކްކުރުމަކީ، އިތުބާރު ނުކުރާ ބައިވެރިއެއްގެ ކިބައިން ފެންނާނެ ސިފައެކެވެ. މިފަދަ ކަމެއް ކުރުމަށް ބައިވެރިޔާއަށް މަޖުބޫރު ވަނީ، ތިބާއަށް އިތުބާރު ނުކުރުމާއެކު، އެބައި މީހުންނަށް ސިއްރުން ތަފާތު ކަންކަން ކުރާކަމުގެ ޝައްކުކުރެވޭތީއެވެ.
ހުރިހާ ކަމެއްގައި ތިބާ ހަދަނީ މުޅިން ދޮގު ކަމުގައި ބައިވެރިޔާއަށް ހީވުން
އިތުބާރު ނުކުރެވޭ މީހަކަށް ތިބާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރުމަކީ ފަސޭހަކަމަމަކަށް ނުވެއެވެ. އަދި ހުރިހާ ކަމެއްގައި ތިބާ ހަދަނީ ދޮގު ކަމުގައި ގިނަފަހަރަށް ދެކެއެވެ. ތިބާ ބުނާ ކޮންމެ ވާހަކައެއްގައި ފޮރުވިފައިވާ މާނައެއް އޮންނަ ކަމަށް އަބަދުވެސް ވިސްނުމާއި އެކު، ތިބާދައްކާ ވާހަކަ ޤަބޫލުކުރަން އެފަދަ ފަރާތެއް ބޭނުން ނުވެއެވެ.
ތިބާގެ އެކައުންޓްތަކާއި، ކުރާ ޚަރަދުތައް ބަލައި ހެދުން
އިތުބާރު ނުކުރާ ފަރާތެއް ބައިވެރިއަޔަކު ގޮތުގައި ގެންގުޅޭނަމަ، ތިބާގެ ބޭންކް އެކައުންޓްތަކުގެ ހިސްޓްރީ، ތިބާ ކުރާ ޚަރަދުތައް ބަލައި ހަދާނެއެވެ. މިފަދަ މީހުންނަށް ގިނަފަހަރަށް ހީވެފައި އޮންނަނީ، އެހެން މީހަކަށް ކޮންމެވެސް ހަދިޔާއެއް ނުވަތަ، ކެއުމަކަށް ނުވަތަ ސަޔަކަށްވެސް ތިބާ ގޮސްދާނެކަމުގައެވެ. މިހާ ބޮޑަށް ބަލައި ޗެކްކުރުމުގެ ބޭނުމަކީ، އެފަދަ ހެއްކެއް ލިބޭތޯއެވެ.
ތިބާއަށް އާދަޔާ ޚިލާފަށް ސަމާލުކަން ދިނުން
އިތުބާރު ނުކުރާ ބައިވެރިޔަކު ނުވަތަ ލޯބިވެރިޔަކު ގެންގުޅޭ ނަމަ، ތިބާގެ ހުރިހާ ފިޔަވަޅަކަށް އެފަރާތް ފާރަވެރި ވާނެއެވެ. ކުރާ ކުދިކުދި ކަންތައްތަކާއި، ތަނަކަށް ގޮސް ކިތަންމެ ކުޑަ ވަގުތެއް ލަސްވި ކަމުގައި ވީނަމަވެސް، ތަފާތު ސުވާލުތައް ކުރިމަތި ކުރުވާނެއެވެ. ތިބާ އެހެން މީހަކު ޖަހައިގެން ގޮސްދާނެ ފަދަ ބިރެއް ހީވެފައިވާ ފަދައިން، ތިބާ ތަންތަނަށް ނުފުނުވައި، އަބަދުވެސް އޭނާގެ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަށް އެފަދަ މީހެއް ބޭނުން ވެއެވެ.
ކުދި ކުދި ކަންކަމާ ގުޅުވައިގެންވެސް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވުން
އިތުބާރު ނުކުރާ ފަރާތެއް ބައިވެރިޔަކަށް ނުވަތަ ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅޭނަމަ، އެމީހެއް ސުވާލުތަކަށް ދުވަހަކުވެސް ނިމުމެއް ނުވާނެއެވެ. ކުރާ ކޮންމެ ކަމަކާއި ގުޅިގެން އެތަކެއް ހާސް ސުވާލު ކުރިމަތިކުރުވުމާއި އެކު، އެހެން މީހުންނާއި އާއި ލޯބީގެ ގުޅުން އޮންނަކަން ދޭހަވާ އިބާރާތުގެ ސުވާލުތައް ގިނަކުރާނެއެވެ.
އެމީހުންގެ ބަލި ސިފަތައް ތިބާއަށް ދެއްކުން ހުއްޓާލުން
ތިބާއަށް އިތުބާރު ނުކުރާ ފަރާތެއް ބައިވެރިޔަކު ގޮތުގައި ގެންގުޅޭ ނަމަ، ކުރިން ނުފެންނަ ބޮޑެތި ބަދަލުތަކެއް ބައިވެރިޔާގެ ފަރާތުން ފެނިގެން ދާނެއެވެ، މިގޮތުން، ކުރިން ތިބާއާއި ހިއްސާކުރާ، އޭނާގެ ބަލި ސިފަތައް ނުވަތަ ކްނބޮޑުވުންތައް ހިއްސާކުރަން އެމީހަކު ބޭނުން ނުވާނެއެވެ. ސަބަބަކީ ތިބާއަކީ އެމީހުންނަށް އިތުބާރުކުރެވޭ ފަރާތަކަށް ނުވުމެވެ. އަދި މަޑުމަޑުން ގުޅުން ގޯސްވެ، ގިނަފަހަރު، ގުޅުން އެއްކޮށް ކެނޑިގެންދާ ހާލަތްވެސް ބައެއްފަހަރު އާދެއެވެ.

