މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)އިން "ރައްކާވެ ތިބިއްޔާ ދަތުރު"ގެ ނަމުގައި ސޭފްޓީ ވީކް 2021 މިއަދު ފަށައިފިއެވެ.
މިކެމްޕެއިން ފަށަމުން އެމްޕީއޭލް ޕޯޓު ސަރަހައްދުގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގައި ނިޔާވެފައިވާ މީހުންގެ ހަނދާނުގައި ސުކޫތެއް ބޭއްވުނެވެ.
މިއީ މާލޭގެ ވިޔަފާރި ބަނދަރު ނުވަތަ ޕޯޓު ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހިތާމަވެރި ހާދިސާތަކަށް ހޭލުންތެރި ކުރުމުގެ ގޮތުން ހިންގޭ ކެމްޕެއިނެކެވެ.
މިކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ޗީފް ރިސްކް އޮފިސަރ (ސީއާރުއޯ) އިބްރާޙިމް ޒާހިރު ވިދާޅުވީ، މުޖުތަމައު ތެރޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ނުވަތަ ހިތާމަވެރި ހާދިސާތައް މަދު ކުރެވޭނީ އިންސާނުން ވަކި ކަހަލަ އުސޫލުތަކަށް ތަބާވެގެން ކަމަށާއި އެފަދަ އުސޫލުތަކަށް ތަބާ ނުވާނަމަ އެހާދިސާތައް މަދު ނުކުރެވޭނެ ކަމަށެވެ. އަދި ޒީރޯ ރިސްކުގައި ޕޯޓު އޮޕަރޭޝަންސްތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ރިސްކުތައް ނައްތާލައިގެން މަސައްކަތް ކުރާނަމަ އޮޕަރޭޝަންތައް ހުއްޓާލަން ޖެހޭނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ސޭފްޓީ ވީކް ފެށުމުގެ ރަސްމިއްޔާތުގަ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެމްޕީއެލް
އެކުންފުނިން 2019 ވަނަ އަހަރު ފެށި މިކެމްޕެއިން ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ނުބާއްވައެވެ. މިކެމްޕެއިންގެ ދަށުން ސަލާމަތީ ކަންތައްތައް ރަނގަޅުކުރެވިދާނެ ގޮތްތަކާއި ރަނގަޅު ސަޤާފަތެއް ގެނައުމަށް ކުރެވިދާނެ ކަންތައްތައް ބައިވެރިންނާއި ހިއްސާކުރެވިގެންދާނެއެވެ. މީގެއިތުރުން ޓްރެއިނިން ތަކާއި ސޭފްޓީ ކަލްޗަރ ވޯކްޝޮޕާއި ޓްރެއިނިން ސެޝަންތައް މިކެމްޕެއިންގެ ދަށުން ކުރިޔަށް ގެންދާނެއެވެ.

