ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނެތިގެން، އެހޮސްޕިޓަލަށް ގއ. ވިލިގިލި ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އައި ޑޮކްޓަރެއް ފުނުވުުމުން އެ ޑޮކްޓަރު ފިލާފައިވާކަމަށް އެހޮސްޕިޓަލުގެ ފަރާތުން މަޢުލޫމާތު ދީފައި ވީނަމަވެސް، އެއީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމުގައި، ވިލިގިލި ހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލް ޝަރީފް އަޙްމަދު ބުނުއްވައެވެ.
ޝަރީފް އަޙްމަދު ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބުނުއްވީ، ޑޮކްޓަރ ޝްރީ ކްރިޝްނާ ނަމަކަށް ކިޔާ، ނޭޕާލްގެ އެ ޑޮކްޓަރަކީ، ގއ. ވިލިގިލީ ހޮސްޕިޓަލްގައި އަހަރަކާއި ގާތަށް މަސައްކަތް ކޮށްފައިވާ، ވަރަށް އަޚްލާޤް ރަނަގަޅު ޑޮކްޓަރެއް ކަމުގައެވެ. އެޑޮކްޓަރު ފިލީކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަށް ހަވާލާދީ ނޫސްތަކުން އެވާހަކަ ޖަހާފައިވާކަން އެނގުމުން އެ ޑޮކްޓަރު ހުންނެވީ ވަރަށް ބޮޑު ޝޮކްވެފައި ކަމަށް ޝަރީފް ބުނުއްވިއެވެ.
ޝަރީގް އިތުރަށް ވިދާޅުވިގޮތުގައި، ޑޮކްޓަރު އިމަޖެންސީކޮށް ރާއްޖެއިން ފުރައިގެން ދިޔައީ ޑޮކްޓަރުގެ ބައްޕައަށް ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި، އަދި ފުރާފައިވަނީ، ޑރ، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓަށްވެސް އެނގި ހުއްދަ ހޯދައިގެންނެވެ.
ޑޮކްޓަރ ޑިއުޓީއަށް ނުކުމެފައި ނުވާކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން މަޢުލޫމާތު ދީފައިވީނަމަވެސް، މަސްދުވަހާއި ގާތަށް އެ ޑޮކްޓަރ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައި ވެއެވެ. ފުރުއްވުމުގެ ކުރިން ޑޮކްޓަރާއި އެކު އޯޕީޑީގައި މަސައްކަތް ކުރެއްވި ކުދިންނާއެކު ކުޑަވަރެއްގެ ފެއާވެލްއެއްވެސް ބޭއްވިކަމަށާއި، އަދި ކޭކެއްވެސް ފެޅުއްވި ކަމަށެވެ.

ޑޮކްޓަރ ޝްރީ ކްރިޝްނާގެ ފެއާވެލްގައި ނަގާފައިވާ ފޮޓޯއެއް
ނަމަވެސް، ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު އިއްޔެގެ ވަގުތެއްގައި ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބުނުއްވީ، ގއ.ވިލިނގިލީ ހޮސްޕިޓަލުން ތިނަދޫ ހޮސްޕިޓަލަށް ގެނައި ކުޑަކުދިންގެ ޑޮކްޓަރު ވީނުވީއެއް ނޭގި ފިލާފައިވާ ކަމަށާއި އަންނަ ޖެނުއަރީމަހު އެހޮސްޕިޓަލަށް ކުޑަކުދިންގެ ޑޮކްޓަރެއް ލިބޭނެ ކަމަށެވެ. ނަމަވެސް މިކަން އިތުރަށް ސާފުކުރުމަށް ހޮސްޕިޓަލްގެ މެނޭޖަރަށް ތަފާތު އެކިފަހަރު މަތިންވެސް ގުޅުމުން ފޯނަށް ޖާވާބު ނުދެއްވާތީ މިކަން އިތުރަށްވަނީ ސާފު ނުވެއެވެ. އަދި ހޮސްޕިޓަލުގެ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ، ސާލިމް އަލީއަށް ފޯނުން ގުޅުމުން ޖަވާބު ނުދެއްވާތީ، މިމަޢުލޫމާތާއި ގުޅޭ އިތުރު އެހެން ތަފްޞީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ޑޮކްޓަރުންގެ ދަތިކަން ކޮންމެވެސް މިންވަރަކަށް ހުރި ނަމަވެސް، ޑޮކްޓަރުން ތިބެފައި، ބައެއް ޚިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރެއްގައި ނުދެވޭކަން ބައެއް ރައްޔިތުން ފާހަގަކުރެއެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރުވެސް ދަތުގެ ޑޮކްޓަރުން 3 ޑޮކްޓަރުން ތިއްބަވާއިރުވެސް، ދަތް އުފުރުން ފަދަ ދަތުގެ ފަރުވާތަކަށް ބައެއް ފަރާތްތަކުން މާލެއަށް، ފުވައްމުލައް، އައްޑޫ ސިޓީއަށް ނުވަތަ ލާމަށް ގޮސްގެން ދަތުގެ ފަރުވާ ހޯދަންޖެހޭކަން ފާހަގަކުރެއެވެ.

