މަސްވެރިން ބާނާ މަސް ނުކިރި މަސްތައް ހަލާކުވަމުންދާތީ މަސްވެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގއ.ގެމަނަފުށީ މަސްދޯންޏެއް ކަމަށްވާ “ކަނޑު ރޯޅި” ދޯނީގެ މަސްވެރިންގެ ފަރާތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެމުން އެދޯނީގެ މަސްވެރިޔެއް ކަމަށްވާ މުހައްމަދު ސޯލިހު ބުނެފައިވަނީ މަސްބާނައިގެން މިއަދު ހެދުނު 8 ޖެހީއްސުރެ އިރުއޮއްސެންދެން މަސްނުކިރި ކިއުގައި އޮތް ކަމަށާއި ކޮންމެ ދޯންޏަކުންވެސް ކިރުވަނީ 5 ޓަނުގެ މަސް ކަމަށެވެ.
ސޯލިހު ބުނާގޮތުން މިސަރުކާރުގެ 3 އަހަރު ފާއިތުވެގެން ދިޔައިރުވެސް މަސްވެރިންނަށް ވެފައިވާ ވައުދުތައް ވަނީ ނުފުއްދިފައެވެ. ސޯލިހު ފާހަގަ ކުރެއްވި ގޮތުގައި މަހުގެ ހަމައަގު މަސްކިލޯއަކަށް 35 ރުފިޔާ، ހިކިމަހަށް 100 ރުފިޔާ އަދި ކޫއްޑޫ ޖާގައިގެ ދަތިކަން ހުރުމުން އެކަންތައްތަކަށް މަސްވެރިންނަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށް މިސަރުކާރުން ވަނީ ވައުދުވެފައެވެ. އެހެންނަމަވެސް މއިން އެއްވެސް ވައުދެއް ފާއިތުވެދިޔަ 3 އަހަރުތެރޭ ވަނީ ނުފުއްދިފައެވެ.
އިތުރަށް މައުލޫމާތު ދެމުން ސާލިހު ބުނެފައިވަނީ މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމުން ކޮންމެ ދޯންޏަކުންވެސް 25 ނުވަތަ 30 ޓަނު މަސް ބާނައިގެން ކިރުވަން ދިޔުމުން ބޯޓުން ކިރަނީ ދޯންޏަކަށް 5 ޓަނު މަހެވެ. ބާކީ ހުންނަ މަސްކޮޅު ނުކިރިގެން މަސް ހަލާކުވެ މަސްވެރިންނަށް އެތައް ގުނަ ގެއްލުން ލިބޭ ކަމަށް ބުނެފައިވެއެވެ.
ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތެއް ނުހަދައި ދިވެހި އިގްތިޞާދުގެ ރޫފަހެޔޮ ނުކުރެވި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭކަމަށް މިއަހަރު ކުރީކޮޅު ފިޝަރީޒް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މަސްވެރިންގެ ޝަކުވާއަކީވެސް މިއީއެވެ. މަހަށް ހަމައަގު ނުލިބުމާއި މަސްވެރިންގެ ޖީބަށް ޑޮލަރު ނުވަދެ ބާނާ މަސްކޮޅު ނުކިރި މަސްވެރި އާއިލާތައް ހާލުގައި ޖެހޭ ކަމަށް ގއ.ގެމަނަފުށީ “ކަނޑު ރޯޅި” ދޯނީގެ މަސްވެރިޔާ ސޯލިހު ބުންޏެވެ.

