އެގޮތުން މިއަދު އިސްތިއުފާ ދެއްވާފައިވަނީ، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން އިއްޔެ ނިންމާފައިވަނީ، ތިން މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެގޮތަށް ފާސްކުރީ ކޮމިޝަނުން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލި ގިނަވެފައި ހުރި ކަމަށާއި، އެކަން އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުންވެސް އެކަން ފެންނަން އޮތް ކަމަށް ބުނެފައިވެއެވެ.
އޭގެ ކުރިން، އޭސީސީ ތަކުރާރުކޮށް ހާޒިރުކޮށް ޖަވާބުދާރީކުރުވައި ކަންކަން ރަނގަޅު ކުރަން ދިން މުއްދަތުގައި ވެސް އިސްލާހީ ބަދަލުތަކެއް އައިސްފައި ނުވާ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުންޏެވެ.
އެތުހުމަތުތައް ދޮގުކޮށް އޭސީސީގެ ތިން މެމްބަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައްސަލަތައް ތަހުގީގު ކުރުމުގައި އެ ކޮމިޝަނަށް ކުރިމަތިވި ގޮންޖެހުންތައް ތަފްސީލުކޮށް ލިއުމުން ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށާއި، އެކަންކަމަށް ރިއާޔަތް ނުކުރަން ނިންމީ އެކަންކަމަކީ ކުރިންވެސް އެކި ފަހަރުމަތިން ދައްކާފައި ހުރި ވާހަކަތަކަކަށް ވާތީ ކަމަށެވެ.
އޭސީސީން ބުނީ އެ ކޮމިޝަން ހަވާލުވި އިރު ވެސް ފުނިޖެހިފައި ހުރި މައްސަލަތައް އަވަސްކުރަން ބަދަލުތަކެއް ގެނެސްފައިވާނެ ކަަަމަށާއި، ކޮވިޑުގެ ގެއްލުނު އަހަރާ އެކު އެ ކޮމިޝަނަށް ލިބުނު ކުރު މުއްދަތެއްގެ ތެރޭގައި މައްސަލަތައް ބެލި ކަމަށާއި އެކަމަކު އެންމެ އެދެވޭ ބާރުމިނުގައި މައްސަލަތައް ނުނިމުނީ އިންވެސްޓިގޭޓަރުން ނެތުމުން ކަން ފާހަގަކޮށްފައިވެ އެވެ.
ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އޭގައި ފެންނަން އޮތީ ކޮމިޝަން މިނިވަންކަމާ އެކު މަސައްކަތް ކުރަން ހިފެހެއްޓި ސްޓޭންޑާ އެކު ނުފޫޒު ނުފޯރުވުމަކީ މައްސަލައަކަށް ވުން ކަަމަށެވެ.

