އާއަހަރާ ދިމާކޮށް ޔޫތު މިނިސްޓްރީއިން "މަރުހަބާވީސް" ނަމުގައި ބޮޑު ޝޯއެއް ބާއްވަން ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިމަހު 31 ވަނަ ދުވަހުގެ ރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިޝޯގައި ދިވެހި ފަންނާނުންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ފެނިގެން ދާނެކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.
އަންކިތު ތިވާރީއަކީ ބޮލީވުޑްގެ މަޝްހޫރު ލަވަތައް ކަމަށްވާ "ތޭރީ ގަލިޔާ" އަދި "ސުން ރަހާ ހޭނާ ތޫ" ލަވައާއި ފިލްމު "ޢާޝިޤީ2″ގެ ލަވަތައް ކޮމްޕޯޒްކޮށް ބައެއް ލަވަތައް ކިޔާފައިވާ ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު އަދި ލަވަކިޔުންތެރިޔެކެވެ. އަންކިތުގެ ލަވަތަކަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ލަވަތަކެކެވެ.
މި ޝޯގެ ޕްރޮމޯ ހިއްސާކުރައްވަމުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މަރުހަބާވީސް" ގެ ނަމުގައި ހުޅުމާލޭ ދުވާ ޓްރެކް ސަރަހައްދުގައި މިއުޒިކް ޝޯއެއް ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
މީގެއިތުރުން މި ޝޯއަކީ ޔޫތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުރީދޫ، ދިރާގު، މޯލްޑިވިއަން، ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި އެސްޓީއޯ ބައިވެރިކޮށްގެން ހިންގާ ހަރަކާތެއް ކަމަށް މަހުލޫފް ވަނީ ހާމަކޮށްފައެވެ.

