ޓެކްސް ދައްކަންޖެހޭ ވެރިފަރާތުގެ ބަހެއްނެތި މީރާއިން އިސްނަގައިގެން ޓެކުހަށް ރަޖިސްޓްރީ ކުރުމުގެ ބާރު މީރާ އަށް ލިބިދޭ ގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤަވާއިދު އިސްލާހުކޮށްފިއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް ގެނައި ހަވަނަ އިސްލާހުގައި ބަޔާންކޮށްފައި ވާ ގޮތުން ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކަށް ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަން ޖެހޭނެކަމަށް މީރާއަށް ގަބޫލުކުރެވޭ ފަރާތްތައް، އެ ޤާނޫނުގެ ދަށުން ނުވަތަ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށް އެ ފަރާތްތަކަށް އެންގުމުގެ އިޚުތިޔާރު، ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވާ ކަމުގައެވެ.
އެހެންކަމުން މިޤަވައިދުގެ ދަށުން ވެރިފަރާތުގެ ބައިވެރިވުމެއްނެތި ޓެކުހަށް ރެޖިސްޓަރ ކުރުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ. އަދި ޓެކްސް ދައްކާ ފަރާތުން އިތުރު ވިޔަފާރި ހަރަކާތެއް ފަށައިފިނަމަ ނުވަތަ މީރާއަށް ދީފައިވާ، ޓެކްސް ދައްކާ ފަރާތުގެ މަޢުލޫމާތެއް ނުވަތަ އެ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތަކާ ގުޅޭ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ އަދި ޓެކްސް ދައްކާ ފަރާތުން އައްޔަނުކޮށްފައިވާ މަސްއޫލުވާ މީހާ ނުވަތަ އޭނާގެ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ އެކަން 15 ދުވަހުގެ ތެރޭގައި މިރާ އަށް އަންގަން ޖެހޭނެއެވެ.
މީގެއިތުރުން ޓެކްސް ޓެކްސް ދައްކަން ޖެހިފައި، ރަޖިސްޓަރީކޮށްފައި ނުވާ ފަރާތް ތަކުން، ރަޖިސްޓަރީނުކޮށް ވޭތުވާ ކޮންމެ ދުވަހަކަށް، -/50 ރުފިޔާގެ މަގުން އެ ފަރާތް ޖޫރިމަނާ ވާނެއެވެ.
މި ކުށުގެ ޖިނާއީ އަދަބެއްގެ ގޮތުން ކުށް ކުރި ފަރާތް އެއްމަސްދުވަހާއި ހަމަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރެވޭނެއެވެ. މިޤަވައިދުގައި ބުނެފައިވާ ގޮތުގައި އެންމެ ގިނަ ވެގެން ޖޫރިމަނާ ކުރެވޭނެ އަދަދު ކަމުގައި ކަނޑައަޅާފައި ވަނީ -/5000 ރުފިޔާ އާއި ހަމައަށެވެ.

