ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު އެމް.އާރު.އެމްގެ ޒައީމް މައުމޫން އަބްދުލްޤައްޔޫމްއަކީ އަމިއްލަ ލެޔަށް ހަރާންކޯރުވެ ހުންނެވި ބޭފުޅެއް ކަމަށް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މައުމޫނަކީ އަމިއްލަ ލެޔަށް ހަރާންކޯރު މީހެއް ކަމަށާއި އެއްބައިވަންތަކަމުގެ ވާހަކަ މިއަދު މައުމޫން ދެއްކުމުގެ ބޭނުމެއްނެތް ކަމަށެވެ.
އަދުރޭ ވިދާޅުވިގޮތުގައި ވަރަށް ވަރުގަދަ ވެރިކަމެއް ރާއްޖޭގައި ކުރަމުން އަންނަނިކޮށް މައުމޫންވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.
ސިޔާސީ ދަހިވެތިކަމުގައި ގައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ގައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮވާލުމާއި ގުޅިގެން އަދުރޭ ވިދާޅުވީ ޔާމީން ވެރިކަމުން ވައްޓާލަން މައުމޫން މަސައްކަތްކުރި ދުވަހު އާއިލީ ގުޅުމެއްވެސް އަދި އެއްބައިވަންތަކަމެއްވެސް ފެންނަން ނެތް ކަމަށެވެ.
މީގެއިތުރުން މައުމޫންއަކީ ވެރިކަމާއިގެން އުޅޭ މީހެއް ކަމަށާއި ޔާމީންގެ ވެރިކަން ވައްޓާލި ދުވަހުވެސް މައުމޫން އުޅުނީ ވެރިކަމާއިގެން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން “އިންޑިޔާ އައުޓް” ކެމްޕެއިނާ ދެކޮޅަށް މައުމޫން އަޑުއުފުލުމުން އެކަން ހަޑިކަމެއްގެ ގޮތުގައި އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.

