މަސްވެރިންގެ ޝަކުވާތައް އަޑުއެހުމަށްފަހު މިފްކޯއިން ކޮންޓްރޯލް ކުރުމެއްނެތި މިއަދުން ފެށިގެން މަސް ގަންނަމުންދާނެކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. އެކަމަކު ދެކުނުގެ މަސްވެރިނަށް އެއްވެސް އުފަލެއް ނެތެވެ. މަސްވެރިން އަދިވެސް އުޅެން ޖެހޭނީ ބާނާ މަސްކޮޅު ކިރާނެ ގޮތެއް ނެތި މާޔޫސްކަމަުގައެވެ.
ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން މިދުވަސްވަރު ރަނގަޅުވުމުން ރާއްޖޭގެ އެކިކަންކޮޅުތަކުން މަސްދޯނިފަހަރު މަސްވެރިކަން ކުރަމުންދަނީ ދެކުނުންނެވެ. އެހެންކަމުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސް ކިރުވުމަށް ދަތިތަކެއް ދިމާވެ، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިފްކޯއިން ވަނީ މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށްފައެވެ. އެގޮތުން ކޮންމެ ދޯންޏަކުން 5 ޓަނުމަސް ގަންނަމުންދާތީ ދެކުނުގެ މަސްވެރިންގެ ޝަކުވާތައް ކެނޑނޭޅި ފާޅުކުރަމުންދެއެވެ.
މިފްކޯއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކޮންޓްރޯލް ކުރުމެއްނެތި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަދި އެ ބަނދަރުގައިވާ ބޯޓު ފަހަރުން މަސްގަންނަމުންދާނެ ކަމަށެވެ.
އެހެންނަމަވެސް ދެކުނުގައި މަސްކިރާ ކޫއްޑޫއާއި އަދި ބޯޓުފަހަރުތަކަށް މަސްގަންނަމުން ދާނީ ކުރިންވެސް ކޮންޓްރޯލްކޮށްގެން މަސްގަންނަމުންދާ އަދަދަށެވެ. އެއީ ދުވާލަކު ދޯންޏަކުން 5 ޓަނު މަހެވެ.
މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްގަތުން ކޮންޓްރޯލް ކުރުމަކީ މަސްވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި މިއީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. މިކަންކަން ހައްލުކޮށްދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް މިކަމަށް ހައްލެއް ގެނައުމަށް އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.ް

