މަސްމިރުސް ޕެކެޓުތަކެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ އިބްރާހިމް ފައިސަލް (39)އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މަސްމިރުސް ޕެކެޓްތައް ވަގަށް ނެގި ކަމަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. އެހެންކަމުން އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ.
ކޯޓުގެ މަރުހަލާގައި މައްސަލަ ކުރިޔަށް ގެންދެވުނުއިރު އިބްރާހިމް ފައިސަލްވަނީ އޭނާ ދޫކޮށްލުމަށް އެދި ކޯޓުގައި ދަންނަވާފައެވެ.
އެހެންނަމަވެސް އިބްރާހިމް ފައިސަލްއަކީ މިފަދަ ގިނަ ކުށްތަކަށް އަރަމުންދާ ކުށުގެ ރިކޯޑް ގިނަ މީހަކަށްވާތީ މިމައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ އޭނާ ބަންދުގައި ބެހެއްޓުމަށެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުއަށް އޭނަގެ ފަރާތުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އޭނާ ދޫކޮށްލަން ކޯޓަށް ނުފެންނަކަމަށް ވަނީ ނިންމާފައެވެ.

