ފެލިވަރުގައި އޮތް 100 ޓަނުގެ މަސް ގަނެވޭ ބޯޓު ހުވަދުއަތޮޅަށް ބަދަލުކޮށްދެއްވުމަށް އެދި ހުވަދު އަތޮޅުގެ މަސްވެރިން ގޮވާލައިފިއެވެ.
ހުވަދުއަތޮޅަކީ ރާއްޖޭގައި މަސްވެރިކަމަށް މަޝްހޫރު އަތޮޅެކެވެ. މިދުވަސްވަރަކީ ހުވަދުއަތޮޅަށް މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމުން ދޯންޏަކަށް 25-30 ޓަނުން ދަނީ މަސްބާނަމުންނެވެ. އެހެންނަމަވެސް ކޮންމެ ދޯންޏަކުން 25 ޓަނުގެ މަސް ގަންނާތީ މަސްވެރިން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮންމެ ފަހަރަކުވެސް އިރުވައިމޫސުމާ ދިމާކޮށް ހުވަދު އަތޮޅަށް މަސްވެރިކަން ރަނގަޅުވެގެން އަންނައިރު މަސް ގަތުމުގެ ދަތިކަން ކުރިމަތިވެއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުވުނީއްސުރެ ހުވަދު އަތޮޅުގެ މަސްވެރިން މަސްކިރަމުންދަނީ ކޫއްޑޫއަށެވެ. 1996ގައި ކޫއްޑޫ އުފެދުނީއްސުރެ ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ކޫއްޑޫއަށް އެކަށީގެންވާ ތަރައްގީއެއް ގެނެވިފައިނުވެއެވެ.
މަސްވެރިން ބުނާގޮތުގައި ފެލިވަރުގައި އޮތް 100 ޓަނުގެ މަސްގަނެވޭ ބޯޓު ހުވަދު އަތޮޅަށް ގެނައުމުން މަސް ގަތުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވިގެންދާނެއެވެ. ހުވަދު އަތޮޅުގައި މަސްގަންނަމުންދާ ބޯޓުފަހަރުތަކުގައި ގިނައިން މަސްކިރާނެ ކެޕޭސިޓީއެއް ނެތުމުން ބޯޓުތައް ފުރި މަސްކިރުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިލާންޖެހޭ ކަމަށް މަސްވެރިން ބުނެއެވެ.
މިފްކޯގައި މަސްގަންނަން ތައްޔާރުކޮށްފައިވާ ބޯޓަކީ ބްރައިން ފްރީޒަރ ވެސެލްއެކެވެ. އެހެންކަމުން މި ބޯޓުގައި 370 ޓަނު ނުވަތަ 400 ޓަނުގެ މަސް ގަނޑުކުރެވޭނެ އެވެ. މި ބޯޓުގެ ސަބަބުން މިފްކޯއިން މަސް ގަނެވޭ މިންވަރު އިތުރުވެ އެކުންފުނީގެ އެއް ފެކްޓްރީއިން އަނެއް ފެކްޓްރީއަށް މަސް އުފުލުމުގައި ލުއި ފަސޭހަވެގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

