ހޯމް ސްޓޭ ޓުއަރިޒަމް ތަޢާރަފް ކުރުމަށް ނިންމައި، ގެސްޓްހައުސް ހިންގުމާއި ބެހޭ ޤަވާއިދަށް އިސްލާހު ގެނެސް އާ ޤަވާއިދު އިއްޔެ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ގެޒެޓް ކުރެވިފައެވެ.
އަންނަ މަހު ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ހޯމް ސްޓޭގެ ގޮތުގައި ޓޫރިސްޓު ގެސްޓު ހައުސް ހިންގުމުގެ ގަވައިދު، ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފިއެވެ.
ގެސްޓުހައުސް ހިންގުމާ ބެހޭ ގަވައިދަށް ގެނެސްފައިވާ އާ އިސްލާހުގެ ދަށުން ހޯމްސްޓޭއަށް ތަންތަން ދޫކުރުމުގެ ހުއްދަ ދޫކުރާނީ 5 އަހަރު ކަމަށް ކަނޑައަޅައިފައިވެއެވެ. މިޤަވާއިދު ބުނާގޮތުންމ ހޯމް ސްޓޭގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ތަންތަން، ޓޫރިޒަމް ގުޑް އެންޑް ސާވިސަސް ޓެކްސް ދެއްކުމަށް މީރާގައި ރަޖިސްޓްރީ ވާން ޖެހޭނެއެވެ. އަދި ހޯމް ސްޓޭއަށް ހުއްދަ ދިނުމުގެ ކުރިން އެ ވިޔަފާރީގެ ބައިވެރިން ނުވަތަ ބޯޑު ޑިރެކްޓަރުންގެ ކުށުގެ ރެކޯޑަށް ބަލާނެއެވެ.
ކުއްޔަށް ދެވޭ ތަންތަނުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ވެސް ވަނީ މި ގަވައިދުގައި ހިމަނައިފައެވެ. އެގޮތުން ގަވައިދުގައި ބުނެފައިވާ ގޮތުގައި ހޯމްސްޓޭގެ ގޮތުގައި ބޭނުން ކުރާތަނެއްގައި ގިނަ ވެގެން ހުންނަން ޖެހޭނީ ފަސް ކޮޓަރިއެވެ. އެ ކޮޓަރިތަކަކީ ވަކިވަކި ފާހަނާ ހުންނަ، 120 އަކަފޫޓަށް ވުރެ ކުޑަ ނުވާ ކޮޓަރިތަކަކަށް ވާން ޖެހޭނެއެވެ.
ކޮންމެ ކޮޓަރިއަކަށް ވެސް ވަދެވޭނެ ވަކި ދޮރެއް ހުންނަން ޖެހޭއިރު، ކޮޓަރިތައް ހުންނަން ޖެހޭނީ ރަނގަޅަށް ވައި ބޭރުވާ ފަދަ ގޮތަކަށް ކުޑަދޮރު ހަރުކޮށްފައެވެ. އަދި ހުރިހާ ކޮޓަރިއަކަށް ވެސް ގުދުރަތީ އަލި ލިބެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ހޯމް ސްޓޭއަށް ކޮންމެ ކޮޓަރިއެއް ވެސް ކަނޑައަޅާނީ ޑަބަލް ރޫމެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކުއްޔަށް ދޫކުރާ ފަރާތުން ބޭނުންވާ ނަމަ އެ ކޮޓަރީގައި އިތުރު އެނދެއް ބަހައްޓައި، ކުޑަކުދިން ބޭތިއްބިދާނެއެވެ.
ފެށޭ ޖެނުއަރީގައި، ހޯމް ސްޓޭ ޓޫރިޒަމް މ. ދިއްގަރުގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން ލޯކަލް ޓުއަރިޒަމަށް އަމާޒުކޮށްގެން އެރަށުގައި 50 ކޮޓަރި ތައްޔާރުކުރެވިފައިވާ ކަމަށް ދިއްގައރު ކައުންސިލުން މީޑިއާށް މައުލޫމާތު ދެއެވެ. އަދި ކައުންސިލްގެ ދައުރު ނިމެންވާއިރަށް ކޮޓަރިތަކުގެ އަދަދު 200 އަށް ބަދަލުކުރުމަށް އެކައުންސިލުން ވަނީ އަމާޒު ހިފާފައެވެ.
ޓޫރިޒަމް މިނިސްޓްރީއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ގެސްޓްހައުސް ވިޔަފާރީގެ ޤަވާއިދަށް ގެނެވުނު ބަދަލާއި އެކު، ގެސްޓް ހައުސް ވިޔަފާރި މިހާރު މި އޮތް މޮޑަލްގައި ނެތް ފަރާތްތަކަށް ހޯމްސްޓޭ ޓޫރިޒަމްގައި ފުރުސަތު އޮންނާނެއެވެ.

