މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން “އެއްލައްކަ ގަސް” ޕްރޮގްރާމް މިއަދު ހެދުނު ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފއިވާ މުވައްޒަފު އަބްދުﷲ ރަމީޒް ވަނީ މިޕްރޮގްރާމްގެ ފުރަތަމަ ގަސް އިންދާފައެވެ. މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ އިންދި އަނބުގަސް އިންދާފައިވަނީ އަމީނީމަގު ބޭންކްއޮފް މޯލްޑިވްސް ކުރިމަތީގައެވެ.
މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ގެ ދަށުން އިންދަން ހަމަޖެހިފައިވާ 65% ގަހަކީ އަނބުގަހެވެ. އަދި ބާކީ 35% ގެ ތެރޭގައި،ސައްކެޔޮގަސް، ހިތިގަސް އަދި ދަނބުގަސް،ފަދަ ގަސް ހިމެނިގެންދާނެކަމަށެވެ.
އަބްދުﷲ ރަމީޒް އަކީ 39 އަހަރު މާލެ ސިޓީ ކައުންސިލްގެ ސީނިއަރ އެކައުންޓްސް އޮފިސަރކަމުގެ މަޤާމް އަދާކުރެއްވި ބޭފުޅެކެވެ.
މިޕްރޮގްރާމް ފައްޓަވައިދެއްވަމުން ރަމީޒް ވިދާޅުވީ މާލެސިޓީ ފެހިކުރުމުގެ ގޮތުން ވީހާވެސް ގިނަ ސަރަޙައްދުގައި ގަސް އިންދުމަކީ ވަރަށް ރަނގަޅު ވިސްނުމެއްގައި ކުރިއަށްދާ ޕްރޮގްރާމެއްކަމާއި، މި ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގައި އެއްލައްކަ ގަސް އިންދުން ކާމިޔާބުކަމާއިއެކު ނިންމާލެވޭނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.
މާލެ ސިޓީކައުންސިލްގެ ޕޮލިސީ ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް ކޮމެޓީގެ މުޤައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އިބާރހިމް ވިދާޅުވި ގޮތުގައި އެއްލައްކަ ގަސް މާލެ ސިޓީގައި އިންދުމަށް ނިންމީ ވަރަށްބޮޑަށް ދިރާސާއެއް ކުރުމަށްފަހުގައެވެ. އަދި މާލޭގައި ކާބޯތަކެތި އަޅާ ގަސް ހެއްދުމުން އޭގެ މަންފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޕޮލިސީ ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް ކޮމެޓީގެ ނައިބު މުޤައްރިރު އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ގަސްއިންދުމުގައި އެންމެބޮޑު ދަތިކަމެއް ކުރިމަތިވަނީ ކަނޑައެޅިފައިވާ އަދަދަށް ރާއްޖެއިން ގަސް ލިބެން ނެތުމެވެ. އެހެންކަމުން އަވަށްޓެރި އިންޑިޔާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ތައިލޭންޑުން ގަސް ގެނައުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އެއްލައްކަ ގަސް ޕްރޮގްރާމާއި ގުޅޭގޮތުން މާލެ ސިޓީކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރު މުޙައްމަދު މަބްރޫކް ވިދާޅުވީ މިކަމަކީ މާލެ ސިޓީގެ މޭޔަރު ޑރ.މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އައި ޕްލޭނެއްކަމަށާއި މޭޔަރު ބޭނުންފުޅުވީ މަގުތައް ހެދިގެންދާއިރު، ކާނާލިބި އަދި ހިޔާވެސް ލިބޭނެފަދަ ގަސްތަކެއްހައްދާ މުޅި މާލެސިޓީ ފެހިކުރުން ކަމަށެވެ.
ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސްއިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.

