އިންސާފު ޤާއީމްކުރަނީއޭ ބުނެ ސަރުކާރުން ތިން އަހަރު ވަންދެން ހިންގި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުގެ ނިމިދިޔަ 3 އަހަރު އިންސާފް ޤާއިމުކުރަނީއޭ ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތަކުރާރުކޮށް ނުހައްޤުން ދައުވާ އުފުލާ ކަމަށާއި އިންސާފުގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ.
ޖަމީލް ވިދާޅުވާ ގޮތުގައި ސިޔާސީ ބަދަލުހިފުންތަކަކީ އުތުރު ކޮރެޔާ ކަހަލަ ޤައުމުތަކުގައި ހިންގާ ލާއިންސާނީ އަމަލުތަކެކެވެ.
ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ އިތުރު މައްސަލައެއްގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވިގެންދަނީ ވ.އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން އެއްމިލިއަން ޑޮލަރުގެ ރިޝްވަތު ނެގިކަމަށް ބުނެ އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތެވެ. އެމައްސަލައިގައި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެއް ވެސް ވަނީ އުފުލާފައެވެ.
މީގެއިތުރުން ރ.އަތޮޅު ފުއްގިރި ކުއްޔަށް ދިނުމުގައި ވެސް ރައީސް ޔާމީން އެއްމިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އަދި ސަން ކޮންސްޓްރަކްޝަން ބޭނުން ކޮށްގެން އެފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ވެސް ދެދައުވާ އެއް ވަނީ ޔާމީންގެ މައްޗަށް އުފުލާފައެވެ. އެދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު ވަނީ ފަށާފައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އޮތްއިރު އެމަނިކުފާނުގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ސާބިތުވި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް މިދިޔަ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

