އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން “އޮޕަރޭޝަން ރިވެލި” ގެ ތެރެއިން 99 މީހަކު ބަލައި ފާސްކޮށް، 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އިއްޔެ ހަވީރު 16:00 އިން ފެށިގެން މިއަދު ހެދުނު 6:00 އާ ހަމަޔަށް “އޮޕަރޭޝަން ރިވެލި”ގެ ދަށުން 99 މީހަކު ބަލާ ފާސްކޮށް އޭގެތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 789 ސަރަހައްދަކާއި 387 އުޅަނދު ބަލައިފާސްކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ހައްޔަރުކުރެވުނު 3 މީހުންނަކީ އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންނެވެ. މީގެއިތުރުން އިއްޔެ ހަވީރުން ފެށިގެން މިއަދު ހެދުނާ ހަމަޔަށް ފޭރުމުގެ 2 މައްސަލައަކާއި ވައްކަމުގެ 4 މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ 3 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އަދި ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާކޮށް، 6 އުޅަނދެއްވަނީ ޓޯވކޮށްފައިވާއިރު ކަނޑުމަތީގެ ވައިލޭޝަންތަކުގައި 5 ފަރާތްތަކަށް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
މިއޮޕަރޭޝަންގެ ދަށުން ކޮވިޑްގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާތޯ ބަލާ ޗެކްކުރުމުން އިއްޔެ ހަވީރުން ފެށިގެން މިއަދުގެ ހެނދުނު 06:00 އާހަމައަށް މާސްކު ނާޅާ އުޅުމުގެ ސަބަބުން 6 މީހަކަށް ނަސޭހަތްތެރިވެ، 2 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުން އިތުރުކޮށް، ދަންވަރު ވަގުތުތަކުގައި އެއްވެސް ބޭނުމެއްނެތި މާލެތެރޭގައި އުޅޭ މީހުންނާ ސުވާލުކުރުމާއި ކްރައިމް ހޮޓްސްޕޮޓްތައް ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވުނެވެ.

