ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ ވަޢުދަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ވަޢުދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މުޅިން އަލަށް ރާއްޖޭގައި ފެށި "ހޯމް ސްޓޭ" ޓޫރިޒަމް މ.އަތޮޅު ދިއްގަރުގައި އިއްޔެ ހުޅުވުމާ ގުޅިގެން ވައްޑެ ވިދާޅުވީ ހޯމްސްޓޭ ވިޔަފާރިއަކީ ސީދާ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އަދި ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ މަގު ހުޅުވާލަދިނުމަކީ ވެސް އެމްޑީޕީން ވީ ވަޢުދެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމްސްޓޭ ވިޔަފާރި ޕްރޮމޯޓް ކުރުމަށް ފަރުދީގޮތުން އެންމެ ބޮޑު މަސައްކަތެއް ކުރި އެއް ބޭފުޅަކީ ޢަބްދުالله ރަޝީދު ކަމަށް ވުކުން އޭނާ އަށާއި އެމްޑީޕީއަށް ވައްޑެ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ދިއްގަރުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި "ހޯމް ސްޓޭ" ތަޢާފަރްކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މަޢުސޫމެވެ. މިކޮންސެޕްޓަށް އެންމެ ފުރަތަމަ ދިއްގަރުގައި "ހޯމް ސްޓޭ"ގެ ފުރުސަތު ހޯދާފައިވަނީ މޫރިތި ނަމަކަށްކިޔާ ގެއިންނެވެ. 3 ކޮޓަރީގެ މިގެ ހޯމް ސްޓޭއަށް ހުޅުވާލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ ޚާއްސަ އުސޫލުތަކާއެކުގައެވެ. މިކަމަށްޓަކައި ދިއްގަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމްވަނީ މޫރިތި ގޭގެ ވެރިފަރާތާ، ހޯމް ސްޓޭގެ ލައިސަންސް ޙަވާލުކޮށްދެއްވާފައެވެ.

