މަގުމަތީގައި ދުއްވާ އުޅަނދުތައް ބާރަށް ދުއްވުމުގެ ސަބަބުން ދިމާވާ ބައެއް ހާދިސާތަކުގައި ފުރާނައަށް ނުރައްކާވާފަދަ އަނިޔާތަކެއް ލިބި ބައެއް މީހުން މިދުނިޔެއާއި އަލްވަދާއު ކިއުމަކީ މި މުޖުތަމައުގައި އާންމުކޮށް ހިނގަމުންދާ ކަންތައްތަކެކެވެ. ތިމާއަށް ބަލާނުލެވި ދުއްވޭ ސްޕީޑް އެއްގެ ސަބަބުން އަނެކާއަށް ލިބިދާނެ ގެއްލުމަކަށް ނުވިސްނާ މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވާ މީސްމީހުން މަދެއް ނޫނެވެ. މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ސަބަބުން މުޅި ދިރިއުޅުމުގެ ބާކީ އޮތްބައިގައި ތިމާއަކީ ނުކުޅެދޭ މީހަކަށްވުން ވެސް އެކަށީގެންވެއެވެ.
މަގުމަތީގައި ބާރަށް އުޅަނދު ދުއްވާ މީހުންނަށް ހާއްސަކޮށްގެން "ބުންނަރު ސްޓޫޑިއޯ" އިން މިވަނީ ތަފާތު ހުނަރެއް ދައްކާލާފައެވެ. ތިނަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ހަދާފައިވާ ވީޑިއޯ ލަވައަކީ ހަމަ ކޮންމެ ދިވެއްސަކަަށްވެސް އަދި މަގުމަތީގައި ބާރަށް ދުއްވާ މީހުންނަށް ހަމަ ޔަގީނުންވެސް ރަނގަޅު ނަސޭހަތެއް ތަފާތު މަޖާ ގޮތަކަށް ގެނެސްދީފައިވާ ލަވައެކެވެ.
ބުންނަރު ސްޓޫޑިއޯ، ޗައްޕަލަ ސްޓޫޑިއޯ އަދި ފޮޓޯ މޯލްޑިވްސް އާއި ގުޅިގެން އުފެއްދި "މަޑުން ދޮއްވަހެން" ލަވަ ރިލީޒްކުރީ މިމަހުގެ 01 ވަނަ ދުވަހުގެ ރޭގައެވެ.
މި ލަވައަކީ ތިނަދޫގެ މަޝްހޫރު ޅެންވެރިޔާ މުހައްމަދު އަޖީބު ހައްދަވާފައިވާ ޅެމަކަށް ބުންނަރު ސްޓޫޑިއޯއިން މިއުޒިކް ހަދައި މަޝްހޫރު ލަވަކިއުންތެރިޔާ މުހައްމަދު ޒަލީފް އަބްދުﷲ، އަހުމަދު ޝިމާލް، ޝަފީގު މުހައްމަދު އަދި މުހައްމަދު މާޖިދުގެ އަޑުން ލަވަ ރެކޯޑުކޮށް، ހާޒިފް މުހައްމަދު އަދި މުހައްމަދު މާޖިދު ޑައިރެކްޓް ކޮށް ނެރެފައިވާ ވީޑިއޯ ލަވަ އަކީ ހަމަ ޔަގީނުންވެސް ބެލުންތެރިންނަށް މަޖާ އަދި އެއިން ރަނގަޅު ފިލާވަޅެއް ލިބިގެންދާނެ ވީޑިއޯ ލަވައެއްކަން ހަމަ ޔަގީނެވެ.
މަޖާގޮތަކަށް ސީރިއަސް މައްސަލައެއްގެ ވާހަކަ ގެނެސްދިން މި ލަވައަކީ އެތައް ބަޔަކަށް ދެވުނު ރަނގަޅު ނަސޭހަތެކެވެ. އިބްރަތުން ފުރިގެން ވާ މިލަވައިގެ އިތުރުން ބުންނަރު ސްޓޫޑިއޯ އިން ވަނީ މީގެ ކުރިންވެސް ތަފާތު އެކި އެކު އިޖްތިމާޢީ މައްސަލަ ތަކަށް ޚާއްސަ ކޮށްގެން ޝައުގުވެރި ލަވަތަކެއް ރިލީޒް ކޮށްފައެވެ. މިއިން ކޮންމެ ލަވައަކަށް ވެސް އެތައްބައެއްގެ ސަމާލުކަން ލިބޭކަން ފާހަގަ ކޮށްލަން ޖެހެއެވެ.

