މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އާއި އިތުރު ތިން ކުޅުންތެރިން ކޮވިޑަށް ފައްސިވެފައިވާ ކަމަށް މިއަދު ޕީއެސްޖީން ބުނެފިއެވެ.
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ހާމަކުރި ގޮތުގައި މެސީގެ އިތުރުން ޑިފެންޑަރު ހުއާން ބެރްނާޓް އާއި ބެކްއަޕް ގޯލްކީޕަރު ސާޖިއޯ ރިކޯ އާއި މިޑްފީލްޑަރު ނަތަން ބިޓުމަޒަލާ ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި މި ހަތަރު ކުޅުންތެރިން މިހާރު ތިބީ އައިސޮލޭޝަންގައި ކަމަށާއި، އެ ހަތަރު ކުޅުންތެރިން ވެސް ތިބީ އެކަށީގެންވާ ސިއްހީ ޕްރޮޓޮކޯލްތަކަށް ފެތޭ ގޮތަށް ކަމަށް ޕީއެސްޖީން ހާމަކުރެއެވެ.
މެސީވަނީ އޭނަގެ ހަތްވަނަ ބެލޮން ޑިއޯރ ޗެމްޕިއަންކަން މިދިޔަ އަހަރު ނޮވެމްބަރ ގައި ހޯދާފައެވެ. މީގެއިތުރުން 2009، 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރު ވެސް ބެލޮން ޑިއޯރ އެވޯޑް މެސީ ވަނީ ހޯދާފައެވެ.
އަންނަ ހޯމަ ދުވަހު ފްރެންޗް ކަޕްގެ ރައުންޑް އޮފް 32 ގައި ޕީއެސްޖީ އާ ވަންނެސް ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.

