ގދ ފިޔޯރީގައި މިމަހުގެ 1 ވަނަ ދުވަހު ފެށި އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް "ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021" ގެ އަންހެން ޑިވިޝަންގެ ތިންވަނަ މެޗު، ފަރެސްމާތޮޑާއިން ގައްދޫ ބަލިކޮށްފިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ ކުޅުނު މިމެޗުން، ގައްދޫ އަންހެން ޓީމުގެ މައްޗަށް ފަރެސްމާތޮޑާ އަންހެން ޓީމުން ކުރިހޯދާފައިވަނީ ކުޅުނު 3 ސެޓުވެސް ކާމިޔާބު ކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓުން ގައްދޫ ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފަރެސްމާތޮޑާއިން ވަނީ އެސެޓު 25-13 އިން ކާމިޔާބު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓުން ލިބުނު ތަޖުރިބާގެ އަލީގައި ދެވަނަ ސެޓުގެ ކުޅުން ގައްދޫ ޓީމުން އިތުރަށް ރަނގަޅުކޮށްފައިވާކަން ފެނިގެންދިޔައެވެ. ނަމަވެސް އެސެޓުންވެސް ފަރެސްމާތޮޑާ ޓީމުންވަނީ ގައްދޫ މައްޗަށް ކުރިހޯދާފައެވެ. އެސެޓު ފަރެސްމާތޮޑާއިން ކާމިޔާބުކޮށްފައިވަނީ، 25-15 އިންނެވެ.
މެޗުގެ ފަހުސެޓުންވެސް ފަރެސްމާތޮޑާ އަންހެން ޓީމުންވަނީ މޮޅު ކުޅުމެއް ދައްކައި ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. ފަހު ސެޓު ވެސް ފަރެސްމާތޮޑާއިން ކާމިޔާބު ކޮށްފައިވަނީ 25-15 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 11 ހައްވާ ނާޒިމާ އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ގައްދޫ އަދި ފަރެސްމާތޮޑާ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ފަރެސްމާތޮޑާ ޖަރޒީ ނަންބަރު 11 ހައްވާ ނާޒިމާއަށް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިނާމް ހަވާލުކުރަނީ
މިމެޗަކީ ފަރެސްމާތޮޑާ އަންހެން ޓީމުން މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުންވެސް ފަރެސްމާތޮޑާ ޓީމުންވަނީ 3-0 ސެޓުން މަޑަވެލި ބަލިކޮށް އެމެޗުވެސް ކާމިޔާބު ކޮށްފައެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ، ފިރިހެން ޑިވިޝަންގެ މަޑަވެލި އަދި ރަތަފަންދޫއެވެ. މިމުބާރާތުގެ އަންހެން ޑިވިޝަންގެ މަޑަވެލި އަދި ރަތަފަންދޫ ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ، ރޭގަނޑު 20:00 ގައެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ، ފިރިހެން ޑިވިޝަންގެ ފިޔޯރީ އަދި ގައްދޫއެވެ. މިމެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ރޭގަނޑު 21:00 ގައެވެ.
"ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021" ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

