މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގދ ފިޔޯރީގައި ކުޅެމުންދާ އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ފިރިހެން ޑިވިޝަންގެ 4 ވަނަ މެޗުން، ރަތަފަންދޫ ބަލިކޮށް މަޑަވެލި މެޗު ކާމިޔާބު ކޮށްފިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ރަތަފަންދޫ ފިރިހެން ޓީމުގެ މައްޗަށް މަޑަވެލި ޓީމުން ކުރި ހޯދާފައިވަނީ ކުޅުނު 3 ސެޓުވެސް ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ ސެޓު ފެށިގެން ރަތަފަންދޫ ޓީމުން މޮލުކުޅުމެއް ދެއްކި ނަމަވެސް މަޑަވެލި ޓީމުގެ މައްޗަށް ކުރިހޯދޭނެ ގޮތެއް ނުވިއެވެ. އެގޮތުން ފުރަތަމަ ސެޓު މަޑަވެލިން ކާމިޔާބު ކޮށްފައިވަނީ، 25-17 އިންނެވެ.
ފުރަތަމަ ސެޓުން ލިބުނު ތަޖުރިބާގެ އަލީގައި ރަތަފަންދޫ ޓީމުން ދެވަނަ ސެޓުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ސެޓުގެ ނަތީޖާ ދާދިއެއްވަރެއްގައި ހިފެހެއްޓި ނަމަވެސް މަޑަވެލިން ވަނީ އެސެޓުވެސް ކާމިޔާބު ކޮށްފައެވެ. އެސެޓު މަޑަވެލިން ކާމިޔާބު ކޮށްފައިވަނީ، 25-22 އިންނެވެ.
ތިންވަނަ ސެޓުގައިވެސް ދެޓީމުންވެސް ވަނީ ރީތި ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެސެޓުވެސް މަޑަވެލި ޓީމުންވަނީ ފަސޭހަކަމާއެކު ގެންގޮސްފައެވެ. އެސެޓު މަޑަވެލި ޓީމުން ކާމިޔާބު ކޮށްފައިވަނީ، 25-19 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މަޑަވެލި ޓީމްގެ ޖަރޒީ ނަންބަރު 6 އާދަމް ފައިރޫޒް އެވެ.
މިމެޗަކީ ރަތަފަންދޫ އަދި މަޑަވެލި ފިރިހެން ޓީމުންވެސް މިމުބާރާތުގެ މިހާތަނަށް ކުޅުނު ދެވަނަ މެޗެވެ. ރަތަފަންދޫ މީގެ ކުރިން ބައްދަލުކޮށްފައިވަނީ ފިޔޯރީ ޓީމާއެވެ. އެމެޗުން ރަތަފަންދޫވަނީ 3-0 ސެޓުން ބަލިވެފައެވެ. އަދި މަޑަވެލި ފަރެސްމާތޮޑާ ބައްދަލު ކުރި މެޗުން 3-0 ސެޓުން މަޑަވެލި ވަނީ ބަލިވެފައެވެ.
މިމުބާރާތުގެ މިއަދު ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ބައްދަލު ކުރާނީ، އަންހެން ޑިވިޝަންގެ މަޑަވެލި އަދި ރަތަފަންދޫ އެވެ. އެމެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިރޭ 20:00 ގައެވެ. މިއަދުގެ ފަހުމެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ، ގައްދޫ ފިރިހެން ޓީމާއި ފިޔޯރީ ފިރިހެން ޓީމެވެ. އެމެޗު ކުޅެން ތާވަލުކޮށްފައިވަނީ މިރޭ 21:00 ގައެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

