ގދ.ތިނަދޫއިން ބިމާއި ބޯހިޔާވަހިކަން ހޯދަން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހުވަދޫ ނިއުސްއަށް މައުލުމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ މިއީ ކައުންސިލްގެ އާ ދައުރުގައި ކުރުމަށް ވިސްނާފައި އޮތް ކަމެއް ކަމަށާއި ކުރިޔަށް އޮތް ހަފްތާތެރޭގައި ރެޖިސްޓްރީވާން ހުޅުވާލާނެ ކަމަށެވެ. އަދި ތިނަދޫއިން ބޯހިޔާވަހިކަން ބޭނުންވެގެން ތިނަދޫގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ކައުންސިލްގައި އެދެމުންދާ ކަމަށް ސައުދު ވިދާޅުވިއެވެ.
އެހެންނަމަވެސް މިފުރުސަތުގައި ރެޖިސްޓްރީ ކުރެވޭނީ ހަމައެކަނި އެހެނިހެން ރަށްރަށުގެ މީހުންނަށެވެ. ރެޖިސްޓްރީކުރުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު އޮންލައިންކޮށް ފޯމް ހުށަހަޅާލެވޭނެއެވެ.
މިފުރުސަތުގައި ހުށަހެޅޭ ފޯމްތަކުގެ އަދަދަށް ބަލާފައި އިތުރު ފުރުސަތެއް ހުޅުވާލެވޭނެކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.
ތިނަދޫއިން ބޯހިޔާވަހިކަން ފޯރުުކޮށްދިނުމަށް 5 ހެކްޓަރުގެ ބިން ހިއްކުމަށްފަހު ލޭންޑްސްކޭޕިންގ މަސައްކަތް މިހާރުވަނީ ނިންމާލެވިފައެެވެ. އެހެނިހެން ރަށްތަކުގެ މީހުން ތިނަދޫއިން ބޯހިޔާވަހިކަން ހޯދުމަށްފަހު ތިނަދޫއަށް ދިރިއުޅުން ބަދަލުކުރުން ވެގެންދާނީ ތިނަދޫއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. މުސްތަޤުބަލުގައި ސިޓީއަކަށް ވެގެންދާނެ ތިނަދޫއަކީ އާބާދީ ބޮޑުރަށެކެވެ.

