"ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021" ގައި މިރޭ ކުޅުނު އަންހެން ޑިވިޝަންގެ 6 ވަނަ މެޗުން ފަރެސްމާތޮޑާގެ އަންހެންޓީމުން ރަނގަޅު މޮޅެއް ހޯދައިފިއެވެ. މިމެޗުގައި ފަރެސްމާތޮޑާއިން ބައްދަލުކުރީ ރަތަފަންދޫ އަންހެންޓީމާއިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު މެޗުން ރަތަފަންދޫ ބަލިކޮށް ފަރެސްމާތޮޑާއިން މެޗު ކާމިޔާބު ކޮށްފައިވަނީ 3-0 ސެޓުންނެވެ.
ފުރަތަމަ ސެޓުގައި ދެޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވީނަމަވެސް ފަރެސްމާތޮޑާއިން އެ ސެޓު 25-21 ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ސެޓުގައި ރަތަފަންދޫ ޓީމުން ވަނީ ނަތީއްޖާ އެއްވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ފަރެސްމާތޮޑާގެ ޓީމުން ދެވަނަ ސެޓު ކާމިޔާބު ކުރީ ފަސޭހަކަމާއިއެކު 25-13 ސެޓުންނެވެ. އަދި ތިންވަނަ ސެޓުވެސް ފަސޭހަ ކަމާއި އެކު ފަރެސްމާތޮޑާގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ފަހު ސެޓު ފަރެސްމާތޮޑާއަށް ކާމިޔާބު ކުރެވުނީ 25-13 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 3 ފާތިމަތު މަޒިއްޔާ އެވެ.
ފަރެސްމާތޮޑާ އަދި ރަތަފަންދޫގެ އަންހެން ޓީމް ބައްދަލުކުރި މެޗުގެ ތެރެއިން – ހުވަދޫ ފޮޓޯ: ހިލްޓަން އާސިފް
މި މުބާރާތުގައި މިރޭ ފަރެސްމާތޮޑާ އާއި ރަތަފަންދޫގެ ފިރިހެން ޓީމުގެ މެޗެއް ކުޅެފައިވާއިރު އެމެޗުން ރަތަފަންދޫ ބަލިކޮށް ފަރެސްމާތޮޑާއިން ވަނީ ކާމީޔާބު ކޮށްފައެވެ.
މިމުބާރާތުގައި މާދަމާވެސް މެޗްތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު 16:00 ގައި މަޑަވެލި އަދި ފިޔޯރީގެ ފިރިހެން ޓީމް ބައްދަލު ކުރާ މެޗެއްވަނީ ތާވަލު ކޮށްފައެވެ.
"ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021" ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

