ގދ ތިނަދޫގައި ދިރިއުޅެމުންދާ ތިނަދޫ އެތައް ރައްޔިތުންނެއް ވަންނާނެ ގެދޮރެއް ނެތި ގޯތި ދޫކުރާނެ ދުވަހަކަށް އިންތިޒާރުކުރާތާ އެތަކެއް އަހަރުތަކެއް ފާއިތުވެގެން ގޮސްފިއެވެ. ތިނަދޫގައި ގޯތި ދޫކުރާނެ ބިން އޮތަކަސް އެންމެ ފަހުން ތިނަދޫއިން ގޯތި ދޫކުރި ފަހުން އެތަކެއް އަހަރެއް ފާއިތުވެެގެން ދިޔައިރުވެސް އެއްވެސް ކައުންސިލަކުން ނޫނީ ސަރުކާރަކުން ވިސްނާފައެއް ނެތެވެ. އެއް އާއިލާއެއް ތޮއްޖެހިގެން އެއް ތަނެއްގައި ދިރިއުޅޭ މީހުންވެސް މަދެއް ނޫނެވެ.
އިއްޔެ މުޅި މީސްމީޑިއާއިން ފެނިގެން ދިޔައީ، ތިނަދޫ ކައުންސިލުން ރަށުން ބޭރުން އަލަަށް ތިނަދޫއަށް ރަޖިސްޓްރީ ބަދަލުކުރާ މީހުންނަށް ގޯތި ދޭން އިއުލާން ކުރި ވާހަކައެވެ. ސިޓީ އެއްގެ ދަރަޖަ ލިބެން އޮތީ ރަށުގެ ރައްޔިތުން ނިކަމެތިކަމުގައި ދިރިއުޅެމުން ދަނިކޮށް އެހެން ބަަޔަކަށް ގޯތި ދީގެން ރަށުގައި ރަޖިސްޓްރީ ކޮށްގެން ކަމަށް ތިނަދޫ ކައުންސިލަށް ގަބޫލު ކުރެވުނު ވާހަކައެވެ. ގޯތި ނުލިބިގެން ދިރިއުޅުން ބިނާކުރުމުގައި ހުރި ދަތިތަކުގެ ވާހަކަތައް ތިނަދޫ ރައްޔިތުން މެދުކެނޑުމެއްނެތި އެތަކެއް އަހަރުތަކެއް ވަންދެން ދައްކަނިކޮށް ކުއްލިއަކަށް އަމިއްލަ އެދުމެއް އޮވެގެން ރަށުން ބޭރުން އަންނަ ބަޔަކަށް ގޯތި ދޭން އުޅޭ ވާހަކައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކައުންސިލް ރައީސް ވިދާޅުވީ، އެކަމަކީ ކައުންސިލްގެ އާ ދައުރުގައި ކުރުމަށް ވިސްނާފައި އޮތް ކަމެއް ކަމަށާއި، ކުރިއަށް އޮތް ހަފްތާތެރޭ ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ. އަދި ތިނަދޫއިން ބޯހިޔާވަހިކަން ބޭނުންވެގެން ތިނަދޫގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ކައުންސިލްގައި އެދެމުންދާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ތިނަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ވިސްނަވާފަ އޮތް މަންޒަރެއް ފެނިގެން ނުދެއެވެ. ސުވާލަކީ ކައުންސިލްގެ އާދައުރަށް ހޮވުނު ކައުންސިލް މެމްބަރުންނާއި ރައީސް އިންތިޚާބު ކުރެއްވީ އަލަށް ރަޖިސްޓްރީވާން އެދެން ބޭނުންވާ މީހުންތޯއެވެ!
މިމައްސަލައާ ގުޅިގެން ތިނަދޫގެ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ބުނަނީ ކައުންސިލުން ތިނަދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ފެއިލް ވެފައިވާ ކަމަށާއި، ތިނަދޫ ރައްޔިތުން ބޯހިޔާވަހިކަމަށް އެދިއެދި ތިއްބާ އަލަށް ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލުމަކީ ކައުންސިލުން ތިނަދޫ ރައްޔިތުންނާ މެދު ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.
ސިޓީއެއްގެ ދަރަޖަ ހޯދަންވީ އެތަކެއް ރައްޔިތުންގެ އިހްސާސްތަކުގައި ކޮޅުފައިން ޖަހާފައި ކަމަށް ކައުންސިލުން ވިސްނުމަކީ ކައުންސިލް ފެއިލްވެފައިވާ ކަމުގެ އެންމެ ބޮޑު ހެކިކަމަށް ފެނެއެވެ. ސިޓީއެއްގެ ދަރަޖަ ހޯދުން ހަމަ އެހާވެސް މުހިންމު ހެއްޔެވެ! ސިޓީއެއްގެ ދަރަޖަ ހޯދުމުގެ ބަދަލުގައި ތިނަދޫ އަދި އަތޮޅުގެ ރައްޔިތުންނަށް ތިނަދޫއިން ލިބެން ހުރި ޚިދުމަތްތައް މިއަށްވުރެ ރަނގަޅު ފެންވަރެއްގައި ދެވޭތޯ ބާރު އެޅުމަށް ކައުންސިލުން މަސައްކަތް ކުރުމުން ރައްޔިތުންގެ ރުހުންވެސް ލިބޭނެއެވެ.
މިދައްކަނީ ރަށުން ބޭރުން ތިނަދޫގައި ރަޖިސްޓްރީވެ ގޯތި ހޯދަން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލުން ގޯސްވާހަކައެއް ނޫނެވެ. އަދި އެމީހުންނަށް ގޯތި ދިނުންވެސް ގޯސްވާހަކައެއް ނޫނެވެ. ނަމަވެސް ގޯތި ދޫކުރާއިރު ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލަން ޖެހެއެވެ. ތިނަދޫގައި ދިރިއުޅެން ބޭނުންވާ އެންމެނަށް ހަމަހަމަ އުސޫލަކުން ގޯތި ލިބޭނެ އުސޫލެއް ހަމަޖައްސަން ޖެހެއެވެ.

